އެމްޑަބްލިޔޫއެސް އިން ރޭ ވަނީ ފެންބިލުގެ ޖުރުމަނާތައް މާފުކުރިކަން އިއުލާނުކޮށްފައެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ޚިޔާލު ހުރި ގޮތް ބަލައިލުމުން ގިނަ ބައަކު ބުނަނީ އެކަމުން ފައިދާކުރާނީ ބޮޑުންނަށް ކަމަށެވެ.
"އާދައިގެ ނިކަމެތި މީހާ ދަނީ ޤަވާއިދުން ފެން ބިލު ދައްކަމުން. ބިލު ނުދެއްކޭއިރަށް ފެނުގެ ޚިދުމަތް ކަނޑާލާ. އެހެންވީމާ ނުކައި ތިބެގެންވެސް ފެންބިލާ ކަރަންޓްބިލާ ދެން ވެސް ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް އޮތިއްޔާ ފަޤީރުން ދައްކާނެ." ބައެއް މީހުން ބުނެފައިވެއެވެ.
"ޖުރުމަނާ އަރާފަ ހުރިއްޔާ ހުންނާނީ ބޮޑުންގެ ގެތަކުން. ފަޤީރުންގެ ގެތަކަކުން ނޫން. ފަޤީރުންނަށް އެހީއަކަށްވާނެ އަހަރެއްހައި ދުވަހުގެ ފެން ބިލު މާފުކޮށްދިނިއްޔާ. ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަނުން ފައިދާ އެނަގަނީ ހަމަ ރައްޔިތުންނަށް ބޮޑު އަގުގަ ފެން ވިއްކައިގެން. އެހެންވީމާ އެއް އަހަރު ރައްޔިތުންނަށް ކަމެއް ކޮށްދިނިއްޔާ ކީއްތޯ ވާނީ؟" މިއީވެސް ބައެއް ރައްޔިތުން އެދޭ ގޮތެކެވެ.
ބައެއް މީހުން ބުނީ ވޯޓުލާން 2 ދުވަހަށް ކައިރިވެފައި ވަނިކޮށް ޖުރުމަނާތައް ކަނޑައިލީ ވޯޓު ކާމިޔާބު ނުވެ ސަރުކާރު ބަދަލުވާނެކަން އެނގޭތީ ސަރުކާރުގެ ބައަކަށް ލުއިދޭންވެގެން ކަމަށް ބެލެވޭ ކަމަށެވެ.