ވޯޓުލުމާއި ބެހޭގޮތުން އިނގިރޭސބަހުން ލިޔެ އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަނުގެ ވެބްސައިޓުގައި ނެރުނު ބަޔާނުގައި އޮތް އެއްޗެއް ދިވެހިބަހުން ކިޔައިދޭން ބޭނުމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އިނގިރޭސިބަހުން ބަޔާން ނެރުނީ ބޭރުގެ ފަރާތްތަކަށް ވެސް އެ ލިޔުމުގައިވާ އެއްޗެއް އަންގައިދިނުމަށް ކަމަށެވެ.
ދިވެހިބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް ބަލާއިރު މިފަދަ ލިޔުންތައް ނެރެ ހާމަކުރަންޖެހޭނީ ދިވެހި ބަހުންނެވެ. ބޭރުގެ ފަރާތްތަކަށް ކަންކަން ސާފުކޮށްދޭން ނެރޭ ބަޔާންތައް އެއީ ވަކި ބަޔާންތަކެކެވެ.
ޝަރީފް ވިދާޅުވީ ބަޔާނުގައި އޮތް އެއްޗެއް ވިދާޅު ނުވި ނަމަވެސް ވޯޓު ގުނުމުގެ ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.