ވޯޓުލާ ތަން ދެން ބަދަލު ކުރެވޭނީ ކޯޓު އަމުރެއް ލިބިގެން- ޝަރީފް

ކިޔުމަށް ހޭދަވާނީ 1މ 3ސ
ވޯޓުލާ ތަން ދެން ބަދަލު ކުރެވޭނީ ކޯޓު އަމުރެއް ލިބިގެން- ޝަރީފް
ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު ރެޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް ފުރުސަތު ދެވޭނީ ކޯޓުން އެކަމަށް އަމުރު ކުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ޝަރީފް ވިދާޅުވީ ވޯޓާސް ލިސްޓު ގެޒެޓުކޮށް، ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއި ކުރައްވާފައިވުމުން އެލިސްޓަށް ދެން އުނި އިތުރެއް ގެނެވޭނީ ދެ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.

އެދެހާލަތަކީ، މީހަކު އޭނާ ރެޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ކޯޓުން އަމުރު ކުރުމުންނާއި، އިލެކްޝަންސް ކޮމިޝަންގެ އިދާރީ މައްސަލައަކުން މީހެއްގެ ވޯޓުލުމުގެ ޙައްޤު އެހެން ތަނަކަށް ބަދަލުވާ ގޮތަށް ރެޖިސްޓްރީ ކުރެވިފައި އޮންނަ ހާލަތުގައި ކަމަށެވެ.

ނަމަވެސް ދެވަނަ ހާލަތް ކުރިމަތިވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދެވޭނީ އެމައްސަލަ އިންތިހާބުގެ ކޮމްޕްލެއިންޓްސް ބިއުރީ އިން ބަލައި، އެއީ ކޮމިޝަންގެ މައްސަލައަކުން ދިމާވި ކަމެއް ކަމަށް ކަނޑައެޅުމުން، ކޮމިޝަނުން އެމީހަކަށް ވޯޓުލާން ފުރުސަތު ދިނުމުން ކަމަށް ވެސް އީސީގެ ރައީސް ވިދާޅުވިއެވެ.

އެދުވަހުން އެދުވަހަށް އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މިއަދު އޮންލައިން