ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވީ ދިވެހިން އަދިވެސް ޑިމޮކްރަސީއަށް ވަރަށް ބީރައްޓެހި ކަމަށެވެ. ނަމަވެސް މިއަދަށްފަހު އެހެން ބުނެވޭނެބާވައެވެ. ޑިމޮކްރަސީއެއްގައި އެންމެ މުހިންމީ ރައްޔިތުންގެ ވޯޓެވެ.
ޑިމޮކްރަސީ އެންމެ ފައްކާވެފައިވާކަމަށް ބުނާ ގިނަ ޤައުމުތަކުގައިވެސް އިންތިޚާބުތަކުގައި ރައްޔިތުން ލައްވައި ވޯޓު ލެއްވެނީ ވަރަށް ގިނަ މަސައްކަތް ކޮށްގެންނެވެ. ވަރަށް ބޮޑެތި ހޭދަކޮށްގެންނެވެ. ރައްޔިތުން ހޭލުންތެރިކުރުވަން އެތައް ބައިވަރު މަސައްކަތްތަކެއް ކޮށްގެންނެވެ.
އިންޑިއާގައި އެންމެފަހުން ލީ ވޯޓުގައިވެސް ވޯޓުލާ ޒުވާނުންނަށާއި ޢާންމުންނަށް ވަނީ ހިލޭ ކެއުމާއި ކޮފީވެސް ދީފައެވެ.
ދިވެހި ރައްޔިތުން މިއަދު ދައްކަމުން ގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ވޯޓުލުމަށްޓަކައި ކިޔޫގައި ގަދަ އަވީގައި 4 ގަޑިއިރު ހޭދަކުރަންޖެހުމުން ވެސް ރައްޔިތުންގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
ވޯޓުލާން ކިޔޫގައި ތިބި ރައްޔިތުން ދެކެމުންދަނީ އެމީހުން ގޮސް ތިބީ ޤައުމީ ވާޖިބެއް އަދާކުރަން ކަމަށެވެ. އެމީހުން ބުނަމުން ދަނީ ކިތަންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނު ނަމަވެސް އެމީހުން ތިބީ ޤައުމަށްޓަކައި އެމީހުންގެ ވޯޓުދީފައި ނޫނީ އެނބުރި ގެއަށް ދިއުމަށް ނޫން ކަމަށެވެ.
މިއަދަކީ ވަރަށް ހޫނު ގަދަ ދުވަހެކެވެ. މީޓިއޮރޮލީގެ މިންގަނޑުން ބަލައިފިނަމަ ހޫނުމިން ހުރީ 30 ޑިގްރީގައެވެ. ނަމަވެސް ރެއާއި މިއަދު ހެނދުނު ވެސް ވާރޭ ވެހިފައިވާތީ ހޫނުމިން މާގަދަ ކަމަށް އިޙްބާޞްކުރެވެއެވެ.
އެހެންކަމާއިއެކުވެސް ބައެއް ސަރަހައްދުތަކުގައި ހެނދުނު 9 ޖެހިއިރު ކިޔޫގައި ޖެހުނު މީހުންނަށް އަދިވެސް ވޯޓު ނުލެވި އެބަ ތިއްބެވެ. ނަމަވެސް ވަރަށް މަދު މީހަކު ނޫނީ ނުރުހުމުގެ ބަހެއްވެސް ނުބުނެއެވެ. ބައެއް މީހުން ބުނެފައިވަނީ ކަންތައްތައް މިހެންވާނެކަން މާކުރިންވެސް އެނގޭ ކަމަށާއި ތިބީ ވޯޓުލާން ވާންޖެހުނު ކޮންމެ ޤްރްބާނީއެއް ވުމަށް ތައްޔާރަށް ކަމަށެވެ.