ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެ އެވެ.
ސަލީމް މީހާރު ނޫހަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީނަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތީ، ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށާއި އެހެންވެ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
ސަލީމް ވިދާޅުވީ ''މިއީ ގާބިލް ބަޔަކާ ޕާޓީ ހަވާލުކުރަން ޖެހޭ ވަގުތު. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ވަރުގެ ނަތީޖާއެއް ނޫން މިއީ، މި ޕާޓީގެ އެންމެން ލަދުގަންނަ ވަރުގެ ނަތީޖާއެއް މިއީ. މި ނަތީޖާ އަކީ ޕީޕީއެމްގެ ލީޑަޝިޕް ފެއިލްވެ، ގެންގުޅުނު ސިޔާސަތުތަކާއި ދައްކަވަމުން އައި ވާހަކަތަކާ ގުޅިގެން ނުކުތް ގޯސް ނަތީޖާއެއް،" ކަމަށެވެ.
ސަލީމް ވިދާޅުވެފައިވަނީ ޕީޕީއެމްގެ މެމްބަރުން ހިތްވަރު ކުރުމަށާއި އާ ލީޑަޝިޕެއްގެ އިންތިޒާރުގައި ތިބުމަށެވެ.