ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، ރާއްޖޭގެ "ކިންގމޭކަރ" ކަމުގައި ހެޓްރިކް ހައްދަވައިފިއެވެ.
ފުރަތަމަ ފަހަރަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޙައްމަދު ނަޝީދަށް ކާމިޔާބުކޮށް ދެއްވުމުގައި އަދާކުރެއްވި ދައުރެވެ. ދެވަނަ ފަހަރަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށް ދެއްވުމުގައި އަދާކުރެއްވި ދައުރެވެ. ތިންވަނަ ފަހަރަކީ މިއަހަރުގެ ރިޔާސީ އިންތިޚާބު އިބޫއަށް އަދާކުރެއްވި ދައުރެވެ.
އެހެންކަމުން ރާއްޖޭގައި އަމަލުކުރަމުން ގެންދާ ފެހި ޤާނޫނު އަސާސީގެދަށުން ބޭއްވި 3 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި ޤާސިމް އިބްރާހީމް މިވަނީ އެންމެ އިސް ދައުރު އަދާކުރައްވައިފައެވެ.
ޤާސިމް އިބްރާހީމްގެ ސަޕޯޓަރުން ދެން ތާއީދުކުރަންވީ ރައީސް ޔާމީނަށް ކަމަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަޒީރުން ރައްޔިތުންނަށް އަންގައި އަމުރުކޮށް ހުވަފެން ދައްކަވާފައިވީނަމަވެސް އެއިން އެއްވެސް ހުވަފެނެއް ދެކެން ރައްޔިތުން ބޭނުން ނުވާކަމާއި އެމީހުން އެމީހުންގެ ޤާސިމަށް ކުރާ ތާއީދު ބަދަލު ނުވާނެކަން މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވަނީ ދައްކައިދީފައެވެ.
ރައްޔިތުން މިއަދު ސާބިތުކަމާއިއެކު ދައްކައިދިނީ ރައްޔިތުންގެ ލޯތްބާއި ތާއީދަކީ ދައްކާ ހުވަފެނުން ހޯދޭކަންކަމެއް ނޫން ކަމާއި ވެނުމަސް ވެނަށް ކާންދީގެންވެސް ކުރެވޭ ކަމެއް ނޫންކަމެވެ.