ޕީޕީއެމްގެ އިންތިޚާބީ މެންބަރުންނާ ނުލާ ކޮންގްރެސްއެއް ބޭއްވިނަމަވެސް ވާނީ ބާޠިލު ކަމަކަށް - ޝަޚްޞް އޮޅުވާލުމުގެ ދައުވާކުރާނަން: ވައްޑޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޕީޕީއެމްގެ އިންތިޚާބީ މެންބަރުންނާ ނުލާ ކޮންގްރެސްއެއް ބޭއްވިނަމަވެސް ވާނީ ބާޠިލު ކަމަކަށް - ޝަޚްޞް އޮޅުވާލުމުގެ ދައުވާކުރާނަން: ވައްޑޭ
ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި މަޤާމުތަކަށް އިންތިޚާބުކޮށްފައިވާ އިންތިޚާބީ މެންބަރުންނާއި ނުލައި ކޮންގްރެސްއެއް ބޭއްވި ނަމަވެސް ވާނީ ބާޠިލު ކޮންގްރެސްއަކަށް ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ޝަޚްޞް އޮޅުވައިލުމުގެ ދައުވާ ކުރައްވާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލް މުޙައްމަދު ވަޙީދު އިބްރާހީމް (ވައްޑޭ) ވިދާޅުވެއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވައްޑޭ މިއަދު ވިދާޅުވީ ޕީޕީއެމުގެ ނަމުގައި މިހާރު ބާއްވަން އުޅޭ ކޮންގްރެސްއަކީ ޝަޚުޞު އޮޅުވައިލުން ނޫން ކަމަކަށް ނުވާނެ ކަމަށެވެ.

ވައްޑޭ ވިދާޅުވީ "އެފަދަ ކަމެއްގަ ބައިވެރިވި ކޮންމެ މީހަކަށްވެސް ޖެހޭނެ ފަރުދީ ޒިންމާ އުފުލަން. އިންތިޚާބީ ލީޑަރުން ނުލައި ކޮންގްރެސްއެއް ބޭއްވުން ވާނީ ޣައިރު ޤާނޫނީ ކަމަކަށް. ޣައިރު ޤާނޫނީ ބައްދަލުވުމެއް ބާއްވައި ނިންމާ ކޮންމެ ނިންމުމެއް ވެސް ވާނީ ހަމަ ބާޠިލު ނިންމުމަމަކަށް. ބަލައިގަންނާކަށް ނުޖެހޭނެ." ކަމަށެވެ.

ވައްޑޭ ވިދާޅުވީ މިމައްސަލަ ކޯޓަށް ވެއްދުމުގެ މަސައްކަތް ޤާނޫނީ ވަކީލުން ގެންދަވަނީ ކުރައްވަމުން ކަމަށެވެ. އަދި ވައްޑޭ ވަނީ މިގޮތަށް ބާއްވާ ޣައިރު ޤާނޫނީ ބައްދަލުވުމެއްގައި އެއްވެސް ބައަކު ބައިވެރިނުވުމަށްވެސް އިލްތިމާސްކުރައްވައިފައެވެ.





މިއަދު އޮންލައިން