ރަސްމީ ނަތީޖާ އިއުލާނުކުރުން ޤާނޫނުގަ ބުނާ އެންމެ ފަހު ތާރީޚަށް ލަސްކުރަން ޕީޕީއެމުން އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ރަސްމީ ނަތީޖާ އިއުލާނުކުރުން ޤާނޫނުގަ ބުނާ އެންމެ ފަހު ތާރީޚަށް ލަސްކުރަން ޕީޕީއެމުން އެދިއްޖެ
އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުން ޤާނޫނުގައި ބުނާ އެންމެ ފަހު ތާރީޚަށް ލަސްކުރަން ޕީޕީއެމުން އެދިއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސްގެ ރައީސް އަޙްމަދު ޝަރީފް މިރޭ ވިދާޅުވީ އިންތިޚާބުގައި މައްސަލަތަކެއް އެބަހުރިކަމަށް ޕީޕީއެމުން ބުނާ ކަމަށެވެ.

"ޕީޕީއެމުން ފޮނުވި ސިޓީގައި އޮތީ ޤާނޫނީ އިމުން ބޭރު ނުވާ އެންމެ ދިގު މުއްދަތަކަށް ދާއިމީ ނަތީޖާ އިއުލާނުކުރުން ލަސްކޮށްދޭން. ޤާނޫނީ އިމުން ބޭރުން ލަސްކުރަން އެބޭފުޅުންނަކަށް ނުވެސް އެދެވޭނެ. އެކަން ކުރެވޭނީ ކޯޓުގެ އަމުރެއް ލިބިގެން. އެބޭފުޅުން ވިދާޅުވަނީ ތިމަންނަމެން ކޮންސަރންވާ މައްސަލަތަކެއް އެބަހުއްޓޭ. އެމައްސަލަތަކަށް ނުބަލައި އަވަސްކޮށްގެން ދާއިމީ ނަތީޖާ އިއުލާނު ކޮށްފިއްޔާމު ކެންޑިޑޭޓެއްގެ އަދި އެތައް ބައިވަރު ރައްޔިތުން ތަކެއްގެ ޙައްޤުތަކަށް އުނިކަމެއް އަތުވެދާނޭ އަނބުރާ ރުޖޫޢަ ނުކުރެވޭވަރުގެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިކަމާއި ގުޅިގެން ގޮތެއް ނިންމުމަށް އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުމެއް މާދަމާ ބާއްވަވާނެ ކަމަށެވެ. "މިކަމަށް އަޅުގަނޑު އެކަނި ގޮތެއް ނުނިންމޭނެ. ވީމާ ކޮމިޝަނުގެ ބައްދަލުވުމެއް މާދަމާ މިބާއްވަނީ."

ޝަރީފް ވިދާޅުވީ ކޯޓުން އިތުރު ގޮތަކަށް ނުނިންމައިފިނަމަ ކުރިންވެސް ކޮމިޝަނުން ހާމަކުރިފަދައިން އިންތިޚާބު ބާއްވާތާ ލަސްވެގެން 7 ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާނުކުރާނެ ކަމަށެވެ. އެހެންކަމުން ލަސްވެގެން އަންނަ އާދީއްތަ ދުވަހު ރަސްމީ ނަތީޖާ އިއުލާނު ކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީން ބަލި ޤަބޫލުކުރެއްވިނަމަވެސް "ކޮންމެވެސް ގޮތަކުން" ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ވަރަށް ކުރިންސުރެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެއްވެސް އިންތިޚާބަކުން މޮޅުވަން "ކޮންމެވެސް ގޮތެއް" ކިޔާ ގޮތެއް ނުއޮންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން