އާދަމް ޝަރީފް މި ވިދާޅުވަނީ ކޮން ސަރުކާރެއް ދަމަހަޓާ ވާހަކަކަން ސާފެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އާދަމް ޝަރީފް މި ވިދާޅުވަނީ ކޮން ސަރުކާރެއް ދަމަހަޓާ ވާހަކަކަން ސާފެއް ނޫން!
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މިރޭ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ޤާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ޤާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެކަން ސިފައިން ކުރާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު އޮތް ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރަކީވެސް ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެކެވެ. އެސަރުކާރަށް ހިމާޔަތާ ރައްކާތެރިކަން ނުލިބުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެގެން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އަދި މިހައި ތަނަށް ލިބިފައެއް ނުވެއެވެ.

މައްސަލަ އުފެދިގެން އުޅެނީ ކުރިއަށް ދައުރަށް ރައްޔިތުންގެ ބޮޑު އަޣްލަބިޔަތަކުން މިމަހުގެ 23 ވަނަ ދުވަހު އިންތިޚާބުކޮށްފައިވާ ސަރުކާރަށެވެ. ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށެވެ. "ޤާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ޤާނޫނީ ޒިންމާއެއް ކަމަށާ އަދި އެކަން ސިފައިން ކުރާނެ ކަމަށް" އާދަމް ޝަރީފް ވިދާޅުވެފައިވާއިރު އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު އަދި އުފެދިފައެއް ނުވެއެވެ. ކުރިއަށް ގެންދެވެނީ އުފެއްދުމުގެ މަސައްކަތެވެ.

އެމްއެންޑީއެފުންނާއި ފުލުހުން މިރޭ ބުނެފައިވަނީ ޑިސެމްބަރު 23 ގައި ރައްޔިތުން ނިންމާފައިވާ ނިންމުން ނަގަހައްޓާނެ ކަމަށެވެ. އެއިގެ މާނައަކީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު އުފެއްދުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމެވެ.

މިމޭރުމުން ބަލައިފިނަމަ ސަލާމަތީ ބާރުތަކުގެ ބަހާއި އާދަމް ޝަރީފުގެ ބަހުގައި ކޮންމެވެސް މިންވަރެއްގެ ތަފާތުތަކެއް އެބަހުރިކަން ފާހަގަކުރެވެއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ "ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އަދި އިންތިޚާބުގެ ވަގުތީ ނަތީޖާގެ ފަހުންވެސް ޤައުމުގެ އަމާންކަން ބެލެހެއްޓުމުގައި ދިވެހި ސިފައިން ދިވެހި ސިފައިން ދަނީ ވަރަށް ޕްރޮފެޝަނަލް ކަމާއެކު ހަރަކާތްތެރި ވަމުން.

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ޓްރާންސިޝަން އޮމާންކަމާއިއެކު ކުރިއަށް ގެންދިއުމުގައި ވެސް ސިފައިން އެހީތެރިވާނެ. ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ދިވެހި ސިފައިން ރައްޔިތުންނާއެކު ތިއްބަވާނެ." ކަމަށެވެ.

އާދަމް ޝަރީފުގެ މި ބަސްފުޅުތަކުން ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު މިހާރު ކުރިއަށް ގެންދަން މަސައްކަތް ކުރާ ދައުލަތުގެ ބާރުތައް ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއިއެކު ކުރިއަށް ގެންދިއުމުގައި ސިފައިން އެހީތެރިވާނެކަން އެނގިގެންދެއެވެ. ޔަޤީން ނުކުރެވެނީ ރައްޔިތުންގެ ނިންމުން ބަދަލުކުރަން ކަމެއް ކޮށްފިނަމަ އެކަމެއް ހުއްޓުވައިދޭނެ ކަމެވެ. އެމްއެންޑީއެފާއި ފުލުހުންގެ ބަޔާނުން އެކަން ވަރަށް ސާފެވެ.

މިއަދު އޮންލައިން