މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ލ. އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނިގޮތުގައި އެސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާއިރު، އެސަރަޙައްދު ތަކުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރުފަހު 14:45 އާއި ހަމައަށެވެ.