ހެޔޮ އަމަލު މާދަން މާފުރިހަމައަށް ކުރަން ތިބޭ މީހުންނަށް ދުނިޔެ ދޫކޮށް ދާންޖެހެނީ ހުސްއަތާ: މުފްރީ މެންކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ހެޔޮ އަމަލު މާދަން މާފުރިހަމައަށް ކުރަން ތިބޭ މީހުންނަށް ދުނިޔެ ދޫކޮށް ދާންޖެހެނީ ހުސްއަތާ: މުފްރީ މެންކު

ބައެއްމީހުން ހެޔޮ އަމަލުކުރުން ފަސްކުރެއެވެ. އެމީހުން ބުނަނީ ހެޔޮ އަމަލުތައް ކުރަން ފަށާނީ ފަހުން ނުވަތަ މާދަމާ ކަމަށެވެ. އެއީ މާފުރިހަމައަށް ކުރުމަށް ކަމަށެވެ. ރަނގަޅަށް ހަމަޖެހިލައިގެން އެންމެ ފުރިހަމަ ގޮތުގައި ކުރަން ބޭނުންވާތީ ކަމަށެވެ.

މިފަދަ ނިޔަތުގައި، ހެޔޮ އަމަލުތައް ކުރުން ފަސްކޮށްގެން ތިބޭ ގިނަ ބައަކަށް ދުނިޔެ ދޫކުރަން ޖެހެނީ އެބުނާ މާދަމާ ނުވަތަ ފަސް ނައިސްގެން އުޅެނިކޮށެވެ. މާދަމާ މާފުރިހަމައަށް ހެޔޮ އަމަލުކުރަން ފަށަން ހުއްޓާ މަރު އައިސް ކުރިމަތިލުމުން ދުނިޔެ ދޫކޮށް އެފަދަ މީހުންނަށް ދާންޖެހެނީ ހުސްއަތާއެވެ. ޢާޚިރަތް ދުވަހަށްޓަކައި ގެންދާނެ އެއްވެސް ހެޔޮ އަމަލެއް އަތުގައި ނެތިއެވެ. ނަމަވެސް ގިނަ ފާފަތަކަކާއިއެކުގައެވެ.

މުންކަރާތްތަކަށް އަރައިގަނެ ކުރެވޭ ފާފަތަކުގެ އިތުރުން ހެޔޮ އަމަލު ނުކުރުމަކީ ވެސް ބޮޑުވެގެންވާ ފާފައެކެވެ. އެމީހާއަށް ފަރުޟުކުރެއްވެވި ކަންކަން ނުކުރުމަކީ ބޮޑުވެގެންވާ ފާއެއް ކަމާއިމެދު ވިސްނައިލަނީވެސް މަދު މީހެކެވެ.

މީސްތަކުންނޭވެ! ކަންކަން ފުރިހަމަވާނީ ހަމައެކަނި އާޚިރަތް ދުވަހު އެވެ. ކުރާނެ މަސައްކަތް ނެތިގެންދާނީ މަރުވުމުންނެވެ. ނިޢުމަތްތައް ފުރިހަމަވެގެންވަނީ ހަމައެކަނި ސުވަރުގޭގައެވެ. އެހެންވީމާ މިދުނިޔޭގަ އޮތީ ހެޔޮ އަމަލުކުރަން އަވަސްވެގަތުމެވެ. ގިނަ ވަގުތު ހޯދައިގެން ކުރަން މަޑުކުރުމެއް ނެތެވެ. ވަގުތު ވީވަރަކުންނާއި ވަގުތު ލިބެން އޮތް ވަރަކަށް ހޯދައިގެން ހެޔޮ ޢަމަލުތައް ކުރަން ހަމަ މިއަދު ފަށާށެވެ! މާދަމާއަށް މަޑު ނުކުރާށެވެ! މާދަމާ އަކީ ބައްދަލުވާނެ ދުވަހެއް ކަމަށް ނުވިސްނާށެވެ.

ހެޔޮ އަމަލުތައް ކުރަން ފަށަން ވަކި ދުވަހެއް، ވަކި ވަގުތެއް ނެތެވެ. ކޮންމެ ދުވަހަކީވެސް ކޮންމެ ވަގުތަކީވެސް ހެޔޮ އަމަލުތައް ކުރަން ފަށަންވީ ދުވަހެވެ. ފަށަންވީ ވަގުތެވެ! ﷲ ތަޢާލާ މާތް ކުރެއްވެވި ދުވަސްތަކުގައި ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ.

ވަކި ދުވަސްތަކެއް މާތްކުރައްވަވާފައިވުމަކީ އެހެން ދުވަސްތަކުގައި އަޅުކަން ނުކުރަންވީ ސަބަބެއް ނޫނެވެ. ނިކަން ވިސްނައިލަބަލާށެވެ! ދުވަސްތަކުގެ ތެރެއިން އެންމެ މާތް ކުރައްވަވާފައިވާ ޢަރަފާތު ދުވަހުވެސް ކުރަން ޖެހެނީ 5 ނަމާދެވެ. އެހެން ދުވަސްތަކުގައިވެސް ކުރަންޖެހެނީ ހަމަ 5 ނަމާދެވެ. ވީމާ މިކަމުންވެސް އެނގެނީ ކޮންމެ ދުވަހަކީވެސް ހެޔޮ އަމަލުތައްކުރުންމަތީގައި ދެމިހުންނަން ޖެހޭނެ ދުވަހެއް ކަމެވެ. އެންމެ ދުވަހަކުވެސް ފަރުޟު އަދާނުކުރާނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަނިވެރިކަން އިތުރުވެ އިތުރަށް ފާފަވެރިވަމުންދާނެ ކަމެވެ!
މިއަދު އޮންލައިން