ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައި ދިނުމަށް ސިވިލް ކޯޓަށް ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައި ދިނުމަށް ސިވިލް ކޯޓަށް ހުށަހަޅައިފި
ޕީޕީއެމް ގެ ކޮންގްރެސް ޖަލްސާ ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ ދަރިކަނބަލުން ޔުމްނާ މައުމޫން، މިއަދު ސިވިލް ކޯޓަށް އެމައްސަލަ ހުށަހަޅުއްވައިފިއެވެ.

މިއަމުރަށް އެދިވަޑައިގެން ޔުމްނާ ވިދާޅުވީ ޕީޕީއެމްގެ ހިންގުން ޕާޓީގެ މުޝްތަޝާރު (ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް) އާއި ހަވާލު ކުރީ އެޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ސައްޙަ ނޫން ކައުންސިލެއް އޮއްވާ އެކައުންސިލުން ބާއްވާ ކޮންގްރެސް ވާނީ އަސާސީ ޤަވާއިދާ ޚިލާފު ކޮންގްރެސް އަކަށް ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ، ޕީޕީއެމްގެ ކޮންގްރެސް ބާއްވައިފިނަމަ އެޕާޓީގެ އާއްމު މެމްބަރުންނަށް އިއާދަ ނުކުރެވޭ ވަރަށް ގެއްލުން ލިބޭނެ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

"މިއަމުރު ނުނެރެފިނަމަ ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް އެތައް ޚަރަދެއް ހިނގާނެއެވެ. އެހާ ބޮޑު ޚަރަދެއް ހިންގުމަށްފަހު ބާއްވާ ޖަލްސާގެ ނިންމުންތައް އެއީ މިމައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލާއިރު، ޣައިރު ޤަނޫނީ ނިންމުންތަކަކަށް ވެއްޖެނަމަ އެތައް ހާސް ބައެއްގެ ވަގުތާއި ފައިސާ އަދި ޕާޓީގެ މެމްބަރުންގެ ޙައްޤުތައް އިއާދަ ނުކުރެވޭ މިންވަރަށް ގެއްލިގެން ދާނެއެވެ." ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައި ދިނުމަށް އެދުނު ފޯމުގައި ޔުމްނާ ފާހަގަ ކޮށްފައިވެއެވެ.
މިއަދު އޮންލައިން