ބ. ކެންދޫ ކައުސިލް އިދާރާގައި ހުރި ތިޖޫރީ ވަގަށް ނަގައިފިއެވެ.
ތިޖޫރީ ވަގަސްނެތިއިރު، ގިނަ އަދަދެއްގެ ފައިސާ ވެސް ތިޖޫރީ ތެރޭގައި ހުރިކަމަށް މައުލޫމާތު ލިބެއެވެެ.
އެރަށު ކައުންސިލުގެ ޒިންމާދާރު ވެރިޔާ ޝަހުމާ ޚާލިދު ވިދާޅުވީ ތިޖޫރީ ވަގަށް ނެގީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ތިޖޫރީ ވަގަށް ނަގާފައިވާކަން ކައުންސިލުގެ ސަމާލުކަމަސް އައީ މިއަދު ހެނދުނު މުވައްޒިފުން އޮފީހަށް އައުމުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެކައުންސިލުގެ ތިޖޫރީ ވަގަށް ނަގާފައިވަނީ އިދާރާގެ މައި ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ވަނުމަށްފަހު، ތިޖޫރީ ހުރި ކޮޓަރީގެ ތަޅުވެސް ހަލާކު ކޮށްލައިގެންނެވެ.
ވަގަށް ނެގި ކެންދު ތިޖޫރީގައި 188،925 ރުފިޔާ ހުރި ކަމަށް ޝަހުމާ ވިދާޅުވިއެވެ. ތިޖޫރީ ވަގަށް ނަގާފައިވަނީ އެފައިސާތައް އޭދަފުއްޓަށް ގެންގޮސް ބޭންކަށް ޖަމާކުރަން އެކަމާ ގުޅޭ ލިޔުންތައް ތައްޔާރު ކޮށްފައިވަނިކޮށް ކަމަށް ވެސް ޝަހުމާ ވިދާޅުވިއެވެ.
ކެންދޫ ކައުންސިލު އިދާރާގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް 24 ގަޑިއިރު މުވައްޒިފުން ނުތިބޭ ކަމަށާއި، ކައުންސިލުގައި ކެމެރާ ބެހެއްޓިފައި ނުވަނީ އެކަމަށް ހުށަހެޅި އަގުތައް ބޮޑުކަމުން ކަމަށް ވެސް ޝަހުމާ ވިދާޅުވިއެވެ.
ކެންދޫ ކައުންސިލު އިދާރާގެ ތިޖޫރީ ވަގަށް ނެގި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.