ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަޙްމަދު ނިހާން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން ޕީޕީއެމުން މަސައްކަތް ނުކުރާ ކަމަށެވެ. އެހެންކަމުން ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަންކަމާއި ނިހާނުގެ ވާހަކަ ދިމައެއްނުވެއެވެ.
އިންތިޚާބުގައި ކަންބޮޑުވާންޖެހޭ މައްސަލަތަކެއް އެބަހުރިކަމަށް ސިޓީގައި ބަޔާންކުރުމަށްފަހު ޤާނުނީ އިމުން ބޭރު ނުވާ އެންމެ ދިގު މުއްދަތަކަށް ދާއިމީ ނަތީޖާ އިއުލާނުކުރުން ލަސްކޮށްދޭން އެދުމާއިއެކު ކަންބޮޑުވާ އެމައްސަލަތަކަށް ނުބަލައި ދާއިމީ ނަތީޖާ އިއުލާނު ކޮށްފިނަމަ ކެންޑިޑޭޓެއްގެ (ރައީސް ޔާމީނުގެ) އަދި އެތައް ބައިވަރު ރައްޔިތުން ތަކެއްގެ ޙައްޤުތަކަށް އަނބުރާ ރުޖޫޢަ ނުކުރެވޭވަރުގެ އުނިކަމެއް އަތުވެދާނެ ކަމަށް ލިޔެފައި އޮތުމުން ނަތީޖާ ބަދަލުކުރަން މަސައްކަތް ކުރިކަން ސާބިތު ނުވަނީތޯއެވެ؟
ސިޓީގައި ލިޔެފައި އޮތީ ޤާނޫނުގައި ބުނާ އެންމެ ފަހު ތާރީޚަށްވުރެ ރަސްމީ ނަތީޖާ އިއުލާނުކުރުން އަވަސް ނުކުރުމަކަށް ނުވަތަ ލަސް ނުކުރުމަކަށް ނޫނެވެ. އަވަސް ނުކުރުމަށް އެކަންޏެވެ. ޤާނޫނުން ތަންދޭ އެންމެ ފަހު ވަގުތާއި ހަމައަށް ލަސް ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެކަންޏެއް ނޫނެވެ. އެއްވެސް މުއައްސަސާއަކުން ޕީޕީއެމުން ބުނާހައި ކަމެއް މިހާރަކު ނުކުރާނެއެވެ. ޕީޕީއެމުގެ ޕްރެސްކޮންފަރެންސްތަކުގައި އިއުލާނު ކުރާހައި ކަމެއްވެސް ނުކުރާނެއެވެ. ކޯޓު އަމުރު ލިބޭނެ ކަމަށާއި ހެކި ލިބޭނެ ކަމަށް މީހުން ބަންދުކޮށް ބެއިތިއްބުންވެސް ނިމުނީއެވެ.
ވީމާ ޕީޕީއެމުން ސިޓީއެއް ފޮނުވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު އަމަލުކުރާނީ ޤާނޫނާއި އެއްގޮތަށެވެ. އަދި ކޯޓުތަކުން ކޮންމެ ކޮންމެ އަމުރެއްވެސް ނުނެރޭނެއެވެ.