މިފަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން 423 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް މިއަދު ބައު ޖަމާލުއްދީނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅިގެން ޖުމްލަ 423 ޝަކުވާއެއް ލިބުން ކަމަށާއި ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 229 ޝަކުވާއަކަށް ޖަވާބު ދީފައިވާނެ ކަމަށެވެ. އަދި 194 މައްސަލައެއް ބަލައި އެޝަކުވާތަކަށް ޖަވާބު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ސެޕްޓެމްބަރ މަހުގެ 23 އިން ފެށިގެން 27 އާއި ހަމައަށް އިންތިހާބާއި ގުޅޭގޮތުން ހުށަހެޅުނު ޝަކުވާގެ ބާވަތްތަކާއި އަދަދުތައް:
• ރީރެޖިސްޓްރޭޝަން އާއި ގުޅޭގޮތުން 12 ޝަކުވާ
• އިންތިހާބަށް ނުފޫޒު ފޯރުވުމުގެ 7 ޝަކުވާ
• ވޯޓާރސް ލިސްޓާއި ގުޅޭގޮތުން 2 ޝަކުވާ
• ވޯޓިންބޫތު ބެހެއްޓިފައި ހުރި ގޮތާއި ގުޅޭގޮތުން 41 ޝަކުވާ
• ވޯޓުލާ މަރުކަޒު ތެރެއަށް ފޯނާއި އަތްދަބަސް ވެއްދުމުގެ 38 ޝަކުވާ
• އިތުރު ވޯޓާރސްލިސްޓެއް ގެންގުޅުމުގެ 23 ޝަކުވާއެއް
• ޔޫވީ ލައިޓާ ގުޅޭގޮތުން 28 ޝަކުވާއެއް
• ވޯޓު ފޮށްޓަކަށް ވޯޓު އިތުރުވުމާ ގުޅިގެން 3 ޝަކުވާ
• ބާތިލު ވޯޓާ ގުޅޭ 1 ޝަކުވާ
• ކެމްޕޭނު ކުރުމާ ގުޅޭ 6 ޝަކުވާ
• ވޯޓުލުމުގެ އިންތިޒާމާ ގުޅޭ 42 ޝަކުވާ
• ވޯޓު ގުނުމާ ގުޅޭގޮތުން 11 ޝަކުވާ
• ވޯޓު ކަރުދާހާ ގުޅޭ 3 ޝަކުވާ
• އޮބްޒާވަރުންނާއި މޮނީޓަރުންނާ ގުޅޭގޮތުން 11 ޝަކުވާ
• އޮފިޝަލުންނާ ގުޅޭ 5 ޝަކުވާ
• އައިޑީކާޑަށް ފައިސާ ނެގުމާ ގުޅޭ 1 ޝަކުވާ
• ނަންނެތި ވޯޓު ލާފައިވާ ކަމުގެ 1 ޝަކުވާ
• ރިޝްވަތު ދިނުމާއި ގުޅޭ 3 ޝަކުވާ
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވީ އިންތިހާބާއި ގުޅިގެން ހުށަހެޅުނު ޝަކުވާތައް ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން ބަލަމުންދާނެ ކަމަށާއި ތަހުގީގު ކުރަންޖެހޭ ކަމެއްވާނަމަ އެކަމެއް ވެސް ބަލާނެ ކަމަށެވެ. ނަމަވެސް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށް އެބިއުރޯއިން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.