މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު، އެމަހުގެ ފަސްވަނަ ދުވަހު ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކޮށް ބައެއް ބޭފުޅުން ހައްޔަރު ކުރަން މަޖުބޫރުކުރީ އެއިރުގެ ހާލަތު ކަމަށް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވުނު ޕީޕީއެމްގެ "ޚާއްސަ ޤައުމީ ޖަލްސާ" ގައި އެޕާޓީގެ ރައީސް ކަމަށް އިންތިހާބުވުމާއި ގުޅިގެން އެޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބި ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު ބޭފުޅުން ތިއްބެވީ އެޕާޓީގައި ކަމަށާއި ނަމަވެސް ފަހަކަށް އައިސް ފެންނަން ފެށީ ޕީޕީއެމްގެ ތެރެއިން ކަންކަން ގޯސްކޮށް ހިނގަން ފެށިތަން ކަމަށެވެ.
އެގޮތުން ޕީޕީއެމްގެ ތެރޭގައި މަވެތި ސިފަތަކެއް އުފެދިގެންގޮސް، ބަދަލި ފައުޖަމުން ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުން ގެއްލިގެން ދިއުމަކީ ވެސް ކުޑަކަމެއް ނޫން ކަމަށާއި އެއީ އެޕާޓީގެ ތެރެއިން ގަސްދުގައި ދިން ކެއްސެއް ކަމަށެވެ.
ޕާޓީގެ އެތެރޭގެ ކޯޅުންގަނޑު ހައްލުނުވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސުޕްރީމް ކޯޓާއި ހަމައަސް އެކަންދާން ޖެހުން ކަމަށާއި އެކޯޓުން ހިނގައިދިޔަ ކަމަކީ ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ކަންހިނގާފައިވާ ގޮތެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.