ޤާނޫނާ ޚިލާފަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރި މައްސަލަ ބަލަން މާރިޔާ ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޤާނޫނާ ޚިލާފަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރި މައްސަލަ ބަލަން މާރިޔާ ގޮވާލައްވައިފި
ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާއި ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އިއުލާނު ކުރެއްވެވީ ޤާނޫނާއި ޚިލާފަށް ކަމަށް ރޭ އެމަނިކުފާނު އިއުލާނު ކުރައްވާފައިވާތީ އެ މައްސަލަ ބަލަންޖެހޭ މުއައްސަސާތަކުން ބަލަން ފެށުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފިއެވެ.

ނޫސްވެރިންނަސް މައުލޫމާތު ދެއްވަމުން މާރިޔާ މިއަދު ވިދާޅުވީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް މައްސަލަ ބެލޭނީ ވެރިކަމާއި ހަވާލުވުމަށްފަހުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުގައިވެސް ކަމާއިބެހޭ މުއައްސަސާތަކުން މައްސަލަ ބެލިދާނެ ކަމަށެވެ.

ޕީޕީއެމުން ރޭ ބޭއްވި ކޮންގްރެސްގައި ރައީސް ޔާމީނު ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރެއްވީ އެފަދަ ޙާލަތެއް ޤައުމަށް ކުރިމަތިވެގެން ނޫން ކަމަށާއި ފަނޑިޔާރުން ހައްޔަރު ކުރައްވާނެ އިތުރު ގޮތެއް ފެނިވަޑައިގަންނަވަން ނެތުމުން ކަމަށެވެ.

ޤާނޫނީ ބޭފުޅުން ވިދާޅުވަނީ ރައީސް ޔާމީނު މިމޭރުމުން ވިދާޅުވި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށާއި ކޮންމެ މަޤާމެއްގައި ހުރި މީހަކު ނަމަވެސް ހައްޔަރުކުރަން ޖެހިއްޖެ ނަމަ ޢަމަލުކުރަންޖެހޭނެ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ބާރުތައް ވަކިކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމުގައި އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އެންމެ އިސްކޮށް ހުންނަވާނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މިއަދު އޮންލައިން