މައިންބަފައިންގެ މުދާބެހިއިރު ޚިޔާނާތްތެރިވުމުން އަނގައިން އަލިފާން ނުކުތް މީހެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 33ސ
މައިންބަފައިންގެ މުދާބެހިއިރު ޚިޔާނާތްތެރިވުމުން އަނގައިން އަލިފާން ނުކުތް މީހެއްގެ ވާހަކަ!
ކޮލެޖުގައި ކިޔަވަމުންވެސް ބައްޕަގެ ވިޔަފާރީގައި އެހީތެރިވީމެވެ. ކޮލެޖު ނިމުމުން ބައްޕަ ބޭނުންވީ ބައްޕަގެ ވިޔަފާރީގައި ބައްޕަ އާއިއެކު މަސައްކަތް ކުރާށެވެ. ބައްޕަގެ ހުށަހެޅުން ޤަބޫލުކޮށް ބައްޕަ އާއިއެކު މަސައްކަތް ފެށީމެވެ.

މަސައްކަތް ކުރަމުން ދިއައީ ވަރަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކުގައެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ 7 ދަރިން ތިބި އެންމެ ދޮށްޓަށް ހުރީ އަހަރެންނެވެ. ފައިދާ އިތުރުވި ވަރަކަށް އެކަމުން އެންމެ ބޮޑަށް ފައިދާކުރާނީ އަހަރެންނަށެވެ. ހަގަށް ތިބީ ހުސް އަންހެން ކުދިން ކަމަށްވާތީއެވެ.

އަހަރެންގެ އުމުރުން 30 އަހަރު ފުރެން ކައިރިވެފައި ވަނިކޮށް ބައްޕަ އަހަރެންގެ ނަމުގައި ވިޔަފާރިއެއް ހުޅުވައިދިނެވެ. އަދި އެއީ އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ގެންދަންވެސް ބުންޏެވެ. އެއިރުވެސް އަހަރެންގެ އެކައުންޓުގައި ބައްޕަގެ ފައިސާ ބަހައްޓައެވެ. އެހެން ކަމާއިއެކުވެސް އަހަރެންގެ އަމިއްލަ ނަމުގައި ވިޔަފާރި ފަށަން ވަކިން ފައިސާ ދިނެވެ. އެ ފައިސާ ވެސް ޖަމާކުރީ އަހަރެންގެ އެކައުންޓަށެވެ. ބައްޕަ ކުރިން ބަހައްޓަން ދިން ފައިސާވެސް ބަހައްޓާފައި ހުރި އެކައުންޓަށެވެ.

އެއިގެ 5 އަހަރު ފަހުން ބައްޕަ ނިޔާވެއްޖެއެވެ. 4 ކޮއްކޮއިން ކައިވެނިކޮށްގެން ތިބުމާއިއެކު މުދާ ބަހަން ޖެހިއްޖެއެވެ. އެކަމުގެ ވަގުތުގައި ޝައިޠާނާ އަހަރެންގެ ސިކުނޑިއަށް ސަވާރުވިއެވެ. އަހަރެންނަށް ކަންތައް ކުރެވުނީ ޝައިޠާނާ ބުނި ގޮތަށެވެ. މި ބުނަނީ އަހަރެންގެ އެކައުންޓުގައި ބަހައްޓަން ބައްޕަ ދީފައި ހުރި ފައިސާ އަހަރެންގެ އަތުގައި ހުރި ވާހަކައެއް ނުބުނަމެވެ. އެކަން އެނގޭނެ އެއްވެސް ދެވަނަ މީހަކު ނެތުމުން އެކަން އޮތީ ސިއްރުކުރެވިފައެވެ.

އަހަރުތައް ފާއިތުވަމުން ދިއަ އެވެ. އަހަރެންގެ ވިޔަފާރިވެސް ދިއައީ ކުރިއަރަމުންނެވެ. އުމުރުން 55 އަހަރުވެފައި ހުއްޓާ ވަރަށް އާދައާ ޚިލާފް ކަމެއް ވާން ފެށިއެވެ. ވާހަކަ ދައްކަން އަނގަ ހުޅުވުމުން އަލިފާން ބޮޅުތަކެއް އަނގައިން ނުކުންނަން ފެށިއެވެ. ފުރަތަމަ އިހްޞާޞް ކުރެވުނީ ވަރަށް ކުދި ބޮޅުތަކެއްގެ ގޮތުގައެވެ. ފުރަތަމަ ކޮޅު 4،5 ބޮޅު ނުކުމެފައި ހުއްޓެއެވެ.



އެންމެ ބޮޑު މައްސަލައަކީ އެހެން މީހުންނަށް އެބޮޅުތައް ނުފެންނަ ކަމެވެ. ލޯގަނޑެއްގެ ކައިރީގައި ހުރެގެން ބަލަން އުޅުނު ނަމަވެސް ނުފެންނަ ކަމެވެ. ދުވަސްވާ ރަކަށް ބޮޅުތައް އައީ ބޮޑެތިވަމުންނެވެ. އަދި އަލިފާން ބޮޅުތައް ނުކުންނައިރު ތުންފަތަށާއި ތައްޔަށް ހޫނުކަންވެސް އިޙްޞާޞް ކުރެވެން ފެށިއެވެ.

ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކީމެވެ. ނަމަވެސް އެއްވެސް ޑޮކްޓަރަކަށް ބަލި އޮޅުން ފިލާނެ ގޮތެއް ނުވިއެވެ. އެހެން ކަމުން އެއްވެސް ފަރުވާއެއް ލިބޭނެ ގޮތެއް އޮތީ ނުވެފައެވެ. ވަރަށް ޙާލުގައި އުޅެމުން ދަނިކޮށް ބައްދަލުވި ވަރަށް ގާތް ރައްޓެއްސަކަށް މައްސަލަ ކިޔައިދިނުމުން ދިނީ ވަރަށް ތަފާތު ޚިޔާލެކެވެ.

އެނާ ބުނީ ދަމު ނަމާދުކުރަން ފެށުމަށެވެ. އަދި ޝިފާއަށް އެދި ގިނަގިނައިން ދުޢާ ކުރުމަށެވެ. އޭނާ ބުނީ ނުއެނގި ނަމަވެސް ހަރާމް މުދަލެއް ނުވަތަ ފައިސާއެއް ބޭނުން ކުރެވިފައިވެދާނެ ކަމަށެވެ. އެކަމެއް ދެނެގަނެ އެކަން ވީހައި އަވަހަކަށް ރަނގަޅު ކުރުމަށެވެ. އެއްވެސް މީހެއްގެ ޙައްޤެއް ބޭނުންކުރެވިފައިވާނަމަ އަވަހަށް އަނބުރައި ދިނުމަށެވެ. އަދި އެބައެއްގެ ކިބައިން މާފަށް އެދުމަށެވެ.

އޭނާ ބުނި ގޮތަށް އަހަރެން ކަންތައްތައް ކުރަން ފެށީމެވެ. އަދި އެއްވެސް މީހެއްގެ އެއްވެސް ޙައްޤެއް އަހަރެންނަށް ބޭނުން ކުރެވިފައިވޭތޯ ވިސްނަން ފެށީމެވެ. މަހެއްހައި ދުވަސް ފަހުން ހަމަ ކުއްލިއަކަށްހެން އެއްރޭ ދަމުނަމާދުން ފޭބިތަނާ ހަނދާންވީ ބައްޕަގެ މުދާ ބެހިއިރު އަހަރެންގެ އެކައުންޓުގައި ހުރި ބައްޕަގެ ފައިސާ މުދައު ބެހި އިރު ހަވާލު ނުކުރެވި ހުރިކަމެވެ. އެ ފައިސާއަކީ އަހަރެންގެ ފައިސާއަށް ހަދައި ބޭނުންކުރެވިފައިވާ ކަމެވެ.

ހުރިހާ ލިޔެ ކިޔުންތަކެއް އަތުގައި ހުރުމުން ބޭންކް ސްޓޭޓްމަންޓްތައް ބަލައި އެ ފައިސާގެ އަދަދު ހޯދީމެވެ. އަދި ފާއިތުވި އަހަރުތަކުގައި ފައިސާގެ ބޭނުން ކުރެވިފައިވާތީ އަހަރެންގެ ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބިފައިވާ އަދަދަށް ބަލައި އެއަދަދާއި އެކަށީގެންވާ ނިޞްބަތުން ފައިދާވެސް އިތުރުކުރީމެވެ.

އެއް ރޭ ދައުވަތު ދީގެން 6 ކޮއްކޮ ގެއަށް ގެނުވީމެވެ. އަހަރެންނަށް ކުރިމަތިވެގެން އުޅޭ މައްސަލައިގެ ވާހަކަ ކިޔައެއް ނުދެމެވެ. ނަމަވެސް މުދާ ބެހިއިރު ބައްޕަގެ އެ ފައިސާ ހުރީ ނުބެހި ކަމަށް ބުނީމެވެ. އަދި ހިސާބުތައް ކިޔައިދީ ތަފްޞީލުތައް އޮޅުންފިލުވުމަށްފަހު ކޮއްކޮމެންގެ ޙައްޤު ކޮއްކޮ މެންނަށް އަދާކުރީމެވެ. އަދި މިކަންތައް މިގޮތަށް ހިނގައި ދިއަކަމަށްޓަކައި މާފަށްވެސް އެދުނީމެވެ. ސިއްރުވެފައި އޮތްކަމެއް އަމިއްލައަށް ހާމަކޮށް ޙައްޤު އަދާކުރީތީ ކޮއްކޮމެން އެނބުރި ދިއައީ އަހަރެންނަށް ހެޔޮ ދުޢާކުރަމުންނެވެ.

މިއީ ހަމަ ކަންތައް މެދުވެރިވި ގޮތެވެ. އެރެއަށްފަހު، ކޮއްކޮމެންގެ ޙައްޤު ކޮއްކޮމެންނަށް އަދާކުރި ފަހުން އެ ބޮޑު އުނދަނގޫ މަޑުމަޑުން ކުޑަވަމުން ގޮސް 10 ވަރަކަށް ދުވަސްވީއިރު އުދަގޫ ވަނީ މުޅިން ކެނޑިފައެވެ.

ﷲ ތަޢާލާއަށް ހާސްފަށުން ޝުކުރު އަދާކުރަމެވެ. އެއީ މިފަދަ މުޞީބާތެއްގެ ސަބަބުން ނަމަވެސް ކޮއްކޮމެންގެ ޙައްޤު މިދުނިޔޭގައި އަދާކުރެވޭނެ ގޮތް މިންވަރު ކޮށްދެއްވެވީތީއެވެ. އަތުގައި ފައިސާ ހުރީތީ އެހައްޤު މިވަނީ އަދާކުރެވިފައެވެ. ނަމަވެސް އެގޮތަށް އެކަން މެދުވެރި ނުވި ނަމަ ޤިޔާމަތް ދުވަހުން ކުރިމަތިލާން ޖެހޭނީ ހާދަ ގަދަ ފަދަ އަޒާބާއި އެވެ! ސުބްޙާނަﷲ! ހުރި ބިރުވެރި ކަމެއްގެ ބޮޑުކަމާއިއެވެ!

އަހަރެން ގޮތް ނިންމައިފީމެވެ. ﷲ ތަޢާލާ ދެއްވެވި ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން އަހަރެން މަރުވުމުން އަހަރެންގެ ވިޔަފާރީގެ ދެބައިކުޅަ އެއްބައި ދަރިންނަށް ބަހައްޓާފައި އަނެއްބައި ﷲ ތަޢާލާގެ މަގުގައި ޞަދަޤާތް ކުރަން ދަރިންނަށް ވަޞިއްޔަތް ކޮށްފީމެވެ. އަހަރެން މުށް މިހާރުވެސް މިހުރީ ވަރަށް ބޮޑަށް ހުޅުވާލައިގެންނެވެ.

- މިޞުރުގެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް
މިއަދު އޮންލައިން