ޚުޝާމަދުކުރާ މީހުންގެ ކިބައިން ސަލާމަތްވެ އިސްލާމީ ވެރިކަމެއް ކޮށްދެއްވުމަށް ޑރ. މަޢްރޫފް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޚުޝާމަދުކުރާ މީހުންގެ ކިބައިން ސަލާމަތްވެ އިސްލާމީ ވެރިކަމެއް ކޮށްދެއްވުމަށް ޑރ. މަޢްރޫފް ގޮވާލައްވައިފި

ކޮންމެ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަތުމުން ފައުޅުވާ އަމިއްލަ އެދުންތަކުން ފުރިގެންތިބޭ، ޚުޝާމަދުކުރާ މީހުންގެ ކިބައިން ސަލާމަތްވެ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ކޮށްދެއްވުމަށް ޑރ. މަޢްރޫފް ޙުސައިން ގޮވާލައްވައިފި އެވެ.

ޑރ. މަޢްރޫފް މިމޭރުމުން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާޢަށްފަހު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ނައިބް ރައީސް ފައިޞަލް ނަސީމަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުން ފަދައިން 2 ބޭފުޅުންގެ ކިބައިން ރަނގަޅު، ހެޔޮ ވެރިކަމެއް ފެނިވަޑައިގަތުމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށްވެސް ޑރ. މަޢްރޫފް ވަނީ ވިދާޅުވެފައެވެ.


"ކޮންމެ ވެރިއަކަށްވެސް މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި، ޤާނޫނު އަސާސީގެ ޗާޓުގެ ތެރޭގައި ޢަދުލުވެރި ހެޔޮ ވެރިކަމެއް ކުރުމުގެ ފުރުޞަތެއް ލިބެއެވެ. އެފުރުޞަތު ނަގާލަނީ ޚުދު އެބޭފުޅުން އަމިއްލަ ފުޅަށެވެ. ވެރިކަން ބީވެ، ފީވެގެން ދިއުމުގެ އޮށްތައް އިންދަވައި އެއްށް ފެން ދެއްވަނީވެސް ޚުދު އެބޭފުޅުން އަމިއްލައަށެވެ. މިކމަށް އަތްގާތްކޮށްދެނީ އަމިއްލަ އެދުމުގައި އެމީހުންނަށް ޚުޝާމަދުކޮށް ތިވަރުގެ ބައެއް ނެތް ކަމާއި ވެރިކަން "500 އަހަރަށް ދެމިއޮންނާނެ" ކަމުގައި ވިސްނައިދޭ ދުނިޔާދާރުންނެވެ.

އަލަށް އިންތިޚާބުވެވަޑައިގަންނަވާ ވެރިންނަށް އިސްލާމް ދީނަށް ކަމޭ ހިއްތަވައި، ޝަރުޢީ އިމުގެ ތެރޭގައި، ރާއްޖޭގެ ސިޔާދަތު ވާދަވެރި ބޭރު މީހުންގެ ކިބައިން ސަލާމަތް ކުރައްވައި، މާބޮޑަށް "ޕާޓީ" ނުވެ އެންމެން ޝާމިލުކުރާ އަދުލުވެރި ހެޔޮ ވެރިކަމެއް ކުރެއްވުމުގެ ތައުފީޤް ދެއްވެވުމަށް ދުޢާ ކުރައްވާށެވެ! މިއީ މިހައިތަނަށް އަޅުގަނޑުމެންނަށް ފެނިފައި ނެތް ނަމަވެސް މުޞްތަޙީލު ކަމެއް ނޫނެވެ." ޑރ. މައްރޫފުގެ ޓްވީޓުގައި ލިޔުއްވާފައިވެއެވެ.




މިއަދު އޮންލައިން