ސުވަރުގެއިން ލިބޭނެ ނިޢުމަތްތަކާއިމެދު ބަހުސްކުރާ އަޑު ވަރަށް ގިނައިން އިވެއެވެ. އެފަދަ ބަހުސްތަ ކުރަމުން ގޮސް ޒުވާބަށްވެސް ބަދަލުވެއެވެ. އަދި ބައެއް ދަރުސްތަކާއި ގުޅިގެން ވެސް ގިނަ ބައަކު ސުވާލުކުރަނީ ސުވަރުގެ އިން ލިބޭނެ ނިޢުމަތްތަކާއިމެދުގައެވެ.
މިފަދަ ޚިޔާލުތައްވެސް ނުކުރުމަކަށް ނުބުނަމެވެ. ނަމަވެސް އެންމެ ފުރަތަމަ ވިސްނަންވީ ސުވަރުގެ އިން އަނބިން ނުވަތަ ފިރިންގެ ގޮތުގައި ލިބޭނެ މީހާ އާއިމެދުގައެއް ނޫނެވެ. ކާން ބޯން ލިބޭނެ ތަކެއްޗާއި މެދުގައެއް ނޫނެވެ. އުޅެން ލިބޭނެ ތަނާއި ނިދަން ލިބޭނެ ތަންމައްޗާއިމެދުގައެއް ވެސް ނޫނެވެ.
އެކަމުގެ ހެއްކަކީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. އެމީހަކު އެދޭ ކޮންމެ ކަމެއް އެމީހަކަށް ލިބޭނެ ކަމާއި ބޭނުންވާ އެއްވެސް ކަމެއް ނުވެގެން ނުވަތަ ބޭނުންވާ އެއްވެސް އެއްޗެއް ނުލިބިގެން މާޔޫސްވެގެން އުޅެން ނުޖެހޭނެ ކަމަށް އޮތް ވަޙީ ބަސްފުޅު ނުފުދެނީ ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވިސްނަންވީ ސުވަރުގެއިން ލިބޭނެ ނިޢުމަތްތަކާއިމެދުގައެއް ނޫނެވެ. ވިސްނަންވީ ސުވަރުގެ ޙާޞިލުކުރާނެ ގޮތަކާއިމެދުގައެވެ. އެންމެ ބޮޑު ސަމާލުކަމެއްވެސް ދޭންވީ ސުވަރުގެ ޙާޞިލުކުރުމަށެވެ. ކަށީގެ މަދުން ކަށިހިއްވަރު ނެރެގެން ވެސް މަސައްކަތް ކުރަންވީ ސުވަރުގެ ޙާޞިލުކުރުމަށެވެ.
ދުނިޔޭގައި މިއުޅޭއިރު މީސްތަކުން ކޮށްދޭން ވައުދުވާ ކަންކަން ކޮށްނުދީގެން ފަހަތުން ދުވަން ޖެހެއެވެ. އެއީ މިދުނިޔޭގައި އެކަން ހިނގާ ގޮތެވެ. ޤިޔާމަތް ދުވަހު އެކަން އެގޮތަކަށް ނުހިނގާނެއެވެ. ﷲ ތަޢާލާ ދެއްވަވަން ވައުދުވެވޮޑިގެންފައިވާ އެއްވެސް ކަމެއް ލިބެން އެންމެ ކުޑަމިނުން އެދޭކަށްވެސް ނުޖެހޭނެއެވެ. އެކަމެއް ﷲ ތަޢާލާގެ ވަޢުދު ބަސްފުޅާއި އެއްގޮތަށް އެންމެންނަށްވެސް ލިބޭނެއެވެ. ހުރިހާ މުސްލިމުން ﷲ ތަޢާލާއަށް އީމާންވެގެން މިތިބީ އެކަން ހިތުގެ އަޑިން ޤަބޫލުކޮށް ކަށަވަރުކޮށްގެންނެވެ. ވީމާ ދެން އިތުރަށް އެކަމާމެދު ވިސްނުމުގެވެސް ބޭނުމަކީ ކޮބައިހެއްޔެވެ؟
ނިކަން ވިސްނައިބަލާށެވެ! ސުވަރުގެއަށް އެންމެފަހުން ވައްދަވާ މީހާއަށް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކާއިމެދުގައެވެ. އެމީހާއަށް ދެއްވަވަނީ މި މުޅި ދުނިޔެއާއި އެއްވަރުގެ ނިޢުމަތެއްވެސް ނޫނެވެ. މި މުޅި ދުނިޔޭގައި ވާހައި ނިޢުމަތްތަކުގެ 10 ގުނަކަން ޙަދީޘުން އެނގެން އެބައޮތެވެ. އެންމެ ފަހުން ވަދެވޭ މީހާއަށް މިހައިވަރު ލިބުމުން ވެސް މަދުވަނީ ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގެ އެންމެ އަގު ބޮޑު، އެންމެ މޮޅު ފޯނު ގަންނަތަނުންވެސް ކޮންމެވެސް މައްސަލައެއް ދިމާވެދާނެއެވެ. ސުވަރުގެއިން ލިބޭ އެއްވެސް ނިއުމަތަކީ މިފަދަ އެއްވެސް މައްސަލައެއް ކުރިމަތިވާނެ ނިޢުމަތެއް ނޫނެވެ. ތިބާ އެދޭ ފެންވަރަށްވުރެވެސް މާފުރިހަމައަށް އަބަދުވެސް ހުންނާނީ ލިބިލިބިއެވެ. ސަރވިސްކުރަން ވޯކްޝޮޕްތަކަށް ދުވާކަށް ނުޖެހޭނެއެވެ. ސްޕެއާ ނުލިބިގެން އުޅޭކަށްވެސް ނުޖެހޭނެއެވެ.
ކަންކަން ހުރީ މިފަދައިން ނަމަވެސް ބައެއްފަހަރު އެބަ ބުނެއެވެ. ދުނިޔޭގައި ކައިވެނިކޮށްގެން އެކުގައި އުޅުނު އަނބިމީހާ ސުވަރުގޭގައި ބޭނުން ނުވާ ކަމަށެވެ. ހަމަ އެފަދައިން ފިރިމީހާ ބޭނުން ނުވާކަމަށްވެސް އެބަ ބުނެއެވެ. ބޭނުމީ މިވެނި އެވެނި މީހެއް ކަމަށްވެސް އެބަ ބުނެއެވެ. މިއީ ހަމަ ބޭކާރު ވާހަކަތަކެކެވެ. ސުވަރުގެ އިން ލިބޭނީ އެންމެ ފުރިހަމަ މީހާއެވެ. އެމީހަކު އެންމެ އެދޭ ސިފަތައްހުރި މީހާއެވެ. ލިބުމުން ގެއްލެން އެއްގޮތަކަށްވެސް ނުއެދޭނެ މީހާއެވެ. ކުރަން އޮތް ހަމައެކަނި ކަމަކީ ސުވަރުގެ ލިބޭތޯ ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. ތިމާ އެދޭ އެއްވެސް ކަމެއް ލިބެން އޮތީ ސުވަރުގެ ވަދެވިގެން ކަމަށްވާތީއެވެ.