ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އައި ގއ. ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައި ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވަން ނިންމައިފިއެވެ.
މިއަދު ފުރަތަމަ އޮތީ ވަހީދުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގެ އަޑުއެހުމެވެ.
ވަހީދުގެ ވަކީލް އަދި ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ވަކީލުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް މި މައްސަލައިގައި ފައިސަލާ ހުކުމެއް އިއްވަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އިތުރު އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބުގެ ވަކީލުންނާއި އިލެކްޝަންސް ކޮމިޝަންގެ ވަކީލުން ވެސް އެދިވަޑައިގެންފައި ވަނީ، އެބޭފުޅުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް، ހުކުމް އިއްވަވައި ދެއްވުމަށެވެ.
އެހެންވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވަހީދުގެ މައްސަލައިގައި ބޭއްވި އަޑުއެހުންތައް ނިންމާލި ކަން އިއުލާންކޮށް ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން ނިންމާލައިފަ އެވެ.
މިއަދު ވަކިވަކިން ކުރިއަށް ދާ އަޑުއެހުންތަކުގައި ސައުދުގެ މައްސަލާގައި ކުރިއަށް ދިޔައީ ސްޕްރީމް ކޯޓުގެ އާ ބެންޗަށް މި މައްސަލާގައި ދެ ފަރާތުން ފާހަގަކޮސްލެވޭ އާ ކަންތައްތައް ހުށަހެޅުމެވެ.
ސައުދުގެ ފަރާތުން ހުށަހަޅާފައި ވަނީ އޭނާ ޕާޓީން ވަކިކޮށްފައި ވަނީ އޭޕްރީލް 13 ގައި ކަމަށެވެ. ދައުލަތުގެ ފަރާށތުން މި ސިޓީއަށް އިންކާރުކޮސްފައި ނުވާއިރު، ދައުލަތުން ބުނެފައި ވަނީ ބަލައިގަނެވޭނީ 17 އޭޕްރީލްގައި ސައުދު ޕީޕީއެމުން ވަކިކޮށް ފޮނުވި ސިޓީ ކަމަށެވެ.
ބަދަލުގައި ސައުދުިގެ ފަރާތުން ހުށަހަޅަފައި ވަނީ 13 އޭޕްރީލްގައި އޭނާ ޕާޓީން ވަކިވެފައި ވަނިކޮށް، އަލުން ޕާޓީއަށް ވަދެވުނު ގޮތެއް ނެތް ކަމަށާއި އެހެން ކަމުން އަލުން ޕާޓީން ވަކި ނުކުރެވޭނެ ކަމަށެވެ.
ވަހީދު އާއި ސައުދުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތަށް މިއަދު ނިންމާލިއިރު ހުކުމް އިއްވާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.