ޤިޔާމަތް ކައިރިވި ކަމުގެ 5 ޢަލާމާތެއްވެއެވެ. އެއީ ވަރަށް ނުރައްކައުތެރި ބިރުވެރިކަން ބޮޑު ކަންތައްތަކެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ އެކަންތައް ޞަޙާބީންނަށް ބަޔާންކޮށްދެއްވަވައިފައެވެ. އަދި ޞަޙާބީންގެ ޒަމާނުގައި އެކަންތައްތައް ނުފެންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.
ފާހިޝް ޢަލުތައް ފައުޅުގައި ކުރުމާއި އެކަންކަން ކުރުމަށްފަހު އެއީ ފަޚުރުވެރި ކަމެއް ކަމަށް ދެކެގެން ފައުޅުގައި އެކަމުގެ ވާހަކަ ދައްކައި އުޅުމަކީ ފަހު ޒަމާން ގާތްވެއްޖެ ކަމުގެ ޢަލާމާތްތަކުގެ ތެރެއިން ރަސޫލާ (ޞޢވ) ބަޔާންކޮށްދެއްވަވާފައިވާ ޢަލާމާތެކެވެ.
ނިކަން ވިސްނައިލަ ބަލާށެވެ! ގާލް ފްރެންޑް ބޯއި ފްރެންޑް ކިޔައިގެން މިޒަމާނުގައި މަގުމަތީގައާއި ހާމަ ތަންތަނުގައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ހިލޭ އަންހެނުންނާ ފިރިހެނުން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ކުރަން ލަދުގަންނަ އެއްވެސް ކަމެއް އެބަ އޮތް ހެއްޔެވެ؟
އެވަރުން ފުދެނީއެއްވެސް ނޫނެވެ. މިކަން މިހާރު ޢާންމުވެފައިވާ މިންވަރަށް ނިކަން ވިސްނައިލަބަލާށެވެ. ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން މިފަދަ ކަންކަން ކުރުމަށްފަހު ސްކޫލަށް ގޮސް އެކަންކުރިކަމުގެ ވާހަކަ ފަޚުރުވެރިކަމާއިއެކު އެބަ ދައްކައެވެ. އެވާހަކަތަކުގެ އަޑު އެހުމަށްފަހު އެކަންކުރުމަށް ޝައުޤުވެރިވެ އެކަންކަން އެބަ ކުރެއެވެ.
ރަނގަޅަށް ވިސްނާށެވެ! މިއަދު ޒިނޭކުރުމަށްފަހު އެކަން ޢާންމުކޮށް މުޅި ދުނިޔެއަށް އިއުލާނުކުރަނީ ރޭޑިއޯ، ޓީވީ ތަކަކުން ނޫނެވެ. އަންހެން ކުދިންނާއި ފިރިހެންކުދިން ގައިގޯޅިވެ ސޯޝަލް މީޑިއާގައި ހާމަކުރާ ފޮޓޯތަކުންވެސް އިޝްތިހާރު ކުރެވެއެވެ. އެފަދަ ފޮޓޯތަކުން އެހެން މީހުންނަށް ފާފަކުރަން ހިއްވަރު ލިބެއެވެ. އެހެންވީމާ އެފަދަ އަމަލުތައް ހިމެނިގެންދަނީ މީހުން މަގުފުރެއްދުމަށާއި ޒިނޭ ކުރުމަށް ދެވޭ ދައުވަތަކަށެވެ.
މިކަންކަމަކީ މީގެ 1400 އަހަރުކުރިން އެދުވަހު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާންކުރެއްވެވި ކަންތައްތަކެވެ. މިއަދު ފެންނަމުން މިދަނީ ޒިނޭކުރުން ޢާންމުވާނެ ކަމަށާއި ޒިނޭކުރުމަށްފަހު އެނުބައިކަން ބޮޑު ޢަމަލު ކުރިކަން އެއްވެސް ބިރެއްނެތި އިޝްތިހާރު ކުރާނެ ކަމަށް ބަޔާން ކުރެއްވެވި ބަސްފުޅު ތެދު ޙަޤީޤަތަކަށްވެފައިވާ ތަނެވެ.
ނިކަން ވިސްނައިބަލާށެވެ! މިއަދު އެންމެ ގިނައީ މިބާވަތުގެ ފޮޓޯތަކާއި ވީޑިއޯތައް ނޫން ހެއްޔެވެ؟ މިއަދު ޒިނޭކުރުން މިވަނީ މުޅި ދުނިޔެއަށް ޢާންމުވެފައި ނޫން ހެއްޔެވެ؟ އެންމެ ގިނައިން ކުރާ ފާފައަކީ ޒިނޭ
ކުރުން ނޫން ހެއްޔެވެ؟
މީސްތަކުންނޭވެ! ވިސްނަންވީ އަދި ބިރުވެތިވާންވީ ޒިނޭކުރުމަކީ ފަހުޒަމާނުގެ ޢަލާމާތަކަށް ވެގެނެއް ނޫނެވެ! ފަހު ޒަމާނުގެ ޢަލާމާތްތައް ފައުޅުވާނެއެވެ. ފަހުޒަމާން އަންނާނެއެވެ. ޤިޔާމަތްވެސް ވާނެއެވެ. ވިސްނަންވީ މަރުވުމުން ލިބޭނެ ގަދަފަދަ އަޒާބަށެވެ. އާޚިރަތް ދުވަހު ނަރަކައަށް އެއްލައިލެވޭނެތީއެވެ! އެތަނުގައި ލިބެމުންދާނެ ގަދަފަދަ އަޒާބަށެވެ! ޒިނޭ ކުރުމާއި ޒިނޭ ކުރުމަށް ދައުވަތު ދިނުމުން ސަލާމަތްވާންވީ ނަރަކައިގެ ގަދަފަދަ އަޒާބުން ސަލާމަތް ވުމަށެވެ!
- ބިލާލް އައްސަދުގެ ދަރުސަކުން