ބޭންކް އޮފް މޯލްޑިވްސްއިން ކިޑްސް ސޭވަރ އެކައުންޓުގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ބޭންކް އޮފް މޯލްޑިވްސްއިން ކިޑްސް ސޭވަރ އެކައުންޓުގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
ބޭންކް އޮފް މޯލްޑިވްސްއިން ކިޑްސް ސޭވަރ އެކައުންޓުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ތައާރަފް ކުރި ފުރަތަމަ ބޭންކް އެކައުންޓްކަމަށްވާ ބީއެމްއެލް ކިޑްސް ސޭވަރ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އެކައުންޓް ހުޅުވާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި މާސްޓަރކާޑު ގެ ޕްރިޕެއިޑް ކާޑަކަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް މިވަނީ ހުޅުވާލެވިފައެވެ. މިކާޑަކީ ބޭނުން އަދަދެއް އެކާޑަށް ޖަމާކުރެވޭނެ ކާޑެކެވެ. މި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ކިޑްސް ސޭވަރ އެކައުންޓް ނިސްބަތްވާ ކުއްޖާގެ ނަމުގައެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އުމުރުން އަށާރަ އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް ވެސް ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓާއެކު މި ކާޑު ލިބިގެންދާނެއެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 15،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އިތުރު 3 ފަރާތަކަށް 5،000 ރުފިޔާވެސް ލިބިގެން ދާނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް އޮޕަރޭޓްކުރެވޭނީ އެކުއްޖެއްގެ މަންމަ ، ބައްފަ ނުވަތަ ގާނޫނީ ބެލެނިވެރިއަކަށެވެ. މިއެކައުންޓް ދިވެހިރުފިޔާ އާއި ޑޮލަރުން ވެސް ހުޅުވޭއިރު އެކައުންޓްގައި ބަހައްޓަންޖެހޭ އެންމެ ދަށްއ ަދަދަކީ 100 ރުފިޔާ އަދި 10 ޑޮލަރެވެ.

ކިޑްސް ސޭވަރ އެކައުންޓް އޮޕްރޭޓް ކުރާ ފަރާތަކުން ބޭނުންވާގޮތަކަށް އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. މިގޮތަށް ޖަމާކުރާއިރު އެއްވެސް ޗާޖެއްނުނަގާނެއެވެ. އަދި މީގެއިތުރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކައުންޓް ބަލާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ފަރުމާކުރެވިފައި ވަނީ ދިގުމުއްދަތެއްގައި ކުދިންގެ މުސްތަޤްބަލަށްޓަކައި ރައްކާކުރާ ފައިސާ އެކުދިންނަށް އުމުރުން 18 އަހަރުވުމުން އެފައިސާގެ ބޭނުންހިފޭ ގޮތަށެވެ. މިގޮތުން މިއެކައުންޓްގައި ހުންނަ ފައިސާ މަތީތަޢުލީމް ހޯދުމަށް ބީއެމްއެލްއިން ދޫކުރާ ކިޔަވާލޯނުގެ އިކުއިޓީގޮތުގައިވެސް ބޭނުންކުރެވޭނެއެވެ. ބޭސްފަރުވާއަށާއި ކުއްޖާގެ ކިޔެވުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ކުރުމަށްޓަކައި މިއެކައުންޓުން ކޮންމެ މަހަކު އެއްފަހަރު ފައިސާ ނެގުމުގެ ފުރުސަތު ބެލެނިވެރިޔާއަށް ލިބޭނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އަށް ގުޅާލުމުން އެޕޮއިންޓްމަންޓް ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިއަދު އޮންލައިން