މިއަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ނުރެއްވުނީމާ މިފެންނަނީ މަސް ނުބޭނުނީމާ ކަނޑު ނުބައިކުރާތަން ކަމަށް ޖޭޕީގެ ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ.
ޑރ. ހުސައިން މިރޭ ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅުކުރައްވާކަން ރައީސް ޔާމީނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުންނަވައިގެންނާއި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައިވެސް ޢާންމުކޮށް މުޅި ޤައުމަށް އަދި ދުނިޔެއަށް އިއުލާނުކުރައްވާފައި ކަމަށެވެ. "އަދިވެސް ރައީސް ޔާމީނު ވިދާޅެއް ނުވޭ އިންތިޚާބުގެ ނަތީޖާ އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވަވާ ކަމަށް. ރަނގަޅު ގޮތަކީ ޤަބޫލުފުޅު ނުކުރައްވާނަމަ އެކަން ހާމަކުރެއްވުން. އަދި ސަބަބުތައްވެސް ބަޔާންކޮށްދެއްވުން."
"މިހާރު އެބަ އަޑު އިވޭ ޤައުމުގަ ހަމަނުޖެހުން ހިންގާ ބައަކު ހައްޔަރުކޮށް ކުއްލި ޙާލަތު އިއުލާނުކުރަން އުޅޭ ކަމުގެ ވާހަކަ. ނަމަވެސް އެއީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫން. އިންތިޚާބު ނިމި ނަތީޖާ އިއުލާނުކޮށް ނިމި ބަލި ޤަބޫލުކޮށް ނިމުނީމާ، އަދި ދުނިޔެ ވެސް ނަތީޖާ ޤަބޫލުކޮށް ނިމުނީމާ އެއްވެސް ޤައުމެއްގައި ކަންކަން ކުރާ ގޮތަކަށް ނޫން ރައީސް ޔާމީނު މިހާރު އެކަންކަން ކުރއްވަނީ. ރައީސް ޔާމީނަށް ދަންނަވަން އޮތީ ރައްޔިތުންނަށް ކަންކަން އޮޅުވާލައްވައިގެން ހުރިހާ ކަމެއް ކުރައްވަން ނޫޅުއްވާށޭ. އެކަން ރައްޔިތުންވެސް ދުނިޔެ ވެސް ޤަބޫލެއް ނުކުރާނޭ."
ޑރ. ޙުސައިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސަކީ ފެނަކައިގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އެކޮމިޝަނުގެ ރައީސަކަށް ރައީސް ޔާމީނު ޢައްޔަނު ކުރެއްވި ބޭފުޅެއް ކަމަށާއި އެހައިތަނަށް އޭނާއަކީ ރައީސް ޔާމީނުގެ އެކްޓިވިސްޓެއް ކަމަށެވެ. ރައީސް ޔާމީނުގެ އެންމެ ޒަމާންވީ އެންމެ ގާތް އެކުވެރިންގެ ތެރެއިން އެކުވެރިއެއް ކަމަށެވެ. އެހެންކަމުން ހަމަ ކުއްލިއަކަށް އެކުވެރިޔާ ވެސް ކަމު ނުގޮސް ހުރިހާ ކަމެއް އަނެއްކޮޅަށް ޖަހަން އުޅުމަކީ އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
ޑރ. ޙުސައިން ވަނީ ބަލިވުމުން ބަލި ޤަބޫލުކުރެއްވުމަށްފަހު ޤައުމުގެ ކަންކަން ހަމަނުޖެހުމެއްގެ ތެރެއަށް ޥައްޓަވާ ނުލެއްވުމަށް ރައީސް ޔާމީނަށް އިލްތިމާސްކުރައްވައިފައެވެ.