ފަތިސް ނަމާދުކޮށް ޤްރްއާން ކިޔަވަން ފެށުމުން "ބޮޑު ދަރަނި" އަދާކުރެވުނު ދިވެއްސެއްގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ފަތިސް ނަމާދުކޮށް ޤްރްއާން ކިޔަވަން ފެށުމުން "ބޮޑު ދަރަނި" އަދާކުރެވުނު ދިވެއްސެއްގެ ވާހަކަ
އަޅުގަނޑަކީ 3 ފިހާރަ ހިންގާ ވިޔަފާރިވެރިއަކީމެވެ. ހަމަ އެއާއެކު ބޮޑެތި ދަރަނިތަކެއްވެސް ބޮލުގައި އެޅިފައި ހުރި ބޮޑު ދަރަނިވެރިއަކީމެވެ. ދަރަނިތައް ބޮލުގައި އެޅުނީ އަޅުގަނޑުގެ އާވާރާ ދިރިއުޅުމުގެ ސަބަބުން ކަމަށްވެސް ޤަބޫލުކުރަމެވެ.

ވިޔަފާރީގެ ކަންކަމަށް ބޭންކުން ނެގި ލޯނުތަކުން ބޮޑުބައެއް ޚަރަދުކުރެވުނީ ހަމަ ބޭކާރު ކަންކަމަށެވެ. ތެދަށް ބުނާނަމަ އަންހެން ކުދިންނަށެވެ. އެކަމުގެ ސަބަބުން ލޯނުތައް އަދާ ނުކުރެވި އައީ އިންޓަރެސްޓް އަރަމުންނެވެ. 3 ފިހާރައިން ލިބޭ ހުރިހާ ފައިސާއެއް ބޭންކަށް ދެއްކި ނަމަވެސް ކިރިޔާ އަދާކުރެވެނީ އިންޓަރެސްޓެވެ. ލޯނު ކުޑަކުރެވޭނެ ވަރެއް ނުވެއެވެ.

މިކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެފައި ހުއްޓައި މިއަދުނޫހުން ފެނުނު ލިޔުމަކާއި ގުޅިގެން ފަތިސް ނަމާދުކުރަން ފަށަން ޝައުޤުވެރިވިއެވެ. ފަތިސް ނަމާދަށް ފުރަތަމަ ރޭ ދިއައީ ޞަލާޙުއްދީން މިސްކިތަށެވެ. ގެއާއި އެންމެ ކައިރީގައި ހުންނާތީއެވެ. އެ މިސްކިތުން ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިއަކު ފެނުނެވެ. ހަމަ ޔަޤީނުންވެސް އޭނާއަކީ އަހަރެން ފަދަ ދަރަނިވެރިއެއް ނޫނެވެ. ބޮޑު މަހުޖަނެކެވެ.

ދެވަނަ ރޭ ވެސް ދިއައީ ހަމަ އެ މިސްކިތަށެވެ. ހަމަ އޭނާ ފެނުނެވެ. 3 ވަނަ ރޭ ވެސް ފެނުނެވެ. ކޮންމެ ރެއަކު ދެވޭއިރުވެސް އެނާ މިސްކިތުގައި އިނދެއެވެ. ހިތަށް އެރިއެވެ. "އޭނާއަށް އެހައި ބޮޑު މުއްސަނދިކަމެއް ލިބިފައި އެވަނީ އޭނާ ފަތިސް ނަމާދުކުރާތީ ކަމަށްވެސް ވެދާނެއެވެ. ތަންކޮޅެއް ކުރިން މިކަންކަން ވިސްނުނު ނަމައެވެ."

އެހައިތަނަށް އަހަރެންނަކީ ނަމާދުކުރުމަށް އެހައި ބޮޑު ސަމާލުކަމެއް ދިން މީހެއް ނޫނެވެ. ނަމަވެސް ފަތިސް ނަމާދުކުރަން ފެށުނުކަން ވެގެން ދިއައީ އެހެން ނަމާދުތައް ކުރަން ވެސް ލިބުނު ހިއްވަރަކަށެވެ.

އެގޮތަށް މަހެއްހައި ދުވަސް ފާއިތުވިތަނާ ބައްދަލުވި މީހަކު ބުނީ ޤަވާއިދުން "އައްރަހްމާން" ސޫރަތާއި އެހެންވެސް ބައެއް ސޫރަތްތައް ކިޔެވުމަކީވެސް އަތްމަތި ތަނަވަސްވެ ދަރަނިން ސަލާމަތްވުމަށް އެހީލިބޭ ކަމެއް ކަމަށެވެ. އޭނާގެ ބަސް ޤަބޫލުކޮށް އެކަންކަން ވެސް ކުރަން ފެށީމެވެ.

އެގޮތުގައި ހައެއްކަ މަސްވީތަނާ ރަނުގެ ފުރުޞަތެއް ލިބުނެވެ. އެއީ ބޭންކަށް ދަކަންޖެހޭ އިންޓަރެސްޓް ވަރަށް ބޮޑުތަން ކުޑަކުރުމަށް ލިބުނު ފުރުޞަތެކެވެ. ބޭންކަށް އެއިރު ދައްކަންޖެހޭ އިންޓަރެސްޓާއި ސަރވިސް ޗާޖަށް 16 ވަރަކަށް އިންސައްތަ އަރައެވެ. އެބައި ދެއްކުމަށްފަހު ލޯނަށް ދައްކާނެ ފައިސާ ނުލިބޭތީ ލޯނު ނުދެއްކެނީއެވެ. ލިބުނު ފުރުޞަތަކީ ދުބާއީގެ އެޖެންޓް މެދުވެރިވެގެން ލިބުނު ފުރުޞަތެކެވެ. އެފުރުޞަތުގައި 3 އިންސައްތަ އިންޓަރެސްތުގައި ބޭނުން އަދަދަކަށް ފައިސާ ލިބޭނެ ގޮތް މެދުވެރިވިއެވެ.

އެފުރުޞަތުގެ ބޭނުން ހިފައި ލޯނެއް ނެގުމަށްފަހު ރާއްޖޭގެ ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަދާކުރީމެވެ. އެއަށްފަހު ދުބާއީން ނެގި ލޯނަށް ފައިސާ ދައްކަމުން ގެންދިއައީ ހަމަ ރާއްޖޭގެ ބޭންކްތަކަށް ދައްކަމުން އައި އަދަދެވެ. ނަތީޖާއަކަށްވީ 3 އަހަރު ތެރޭގައި އެލޯނު އަދާކުރުމުގެ ފުރުޞަތު ވެސް ލިބުމެވެ. މިދިއަ އޮގަސްޓް މަހުގެ ނިޔަލަށް ވާނީ ލޯނުގެ ހުރިހާ ފައިސާއެއް ދަކާ ނިންމައިފައެވެ.

މިހާރު އަހަރެންނަކީ ދަރަނިވެރިއެއް ނޫނެވެ. ލިބުނު ގެއްލުން މިހާރު އެވަނީ އެކުގައި ފިލުވައިލެވިފައެވެ. އިރާދަކުރެއްވިއްޔާ ނަމާދުކުރުމާއި ކީރިތި ޤްރްއާން ކިޔެވުމުގައި ސާބިތުކަންމަތީގައި ދެމި ހުންނާނަމެވެ! މި މައުލޫމާތު ހިއްޞާ މިކުރީ އަހަރެންގެ ހަޔާތުން އެހެން މީހަކަށް ޙާޞިލުކުރެވިދާނެ ޢިބްރަތެއް އޮވެދާނެ ކަމުގެ އުންމީދުގައެވެ.

‍- މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރި މައުލޫމާތަށް ލިޔެފައިވާ ލިޔުމެއް
މިއަދު އޮންލައިން