މިދިޔަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ރައްޔިތުން ސާބިތުވެ ތިބުމަށް އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ އިބޫ ވިދާޅުވީ ރައްޔިތުންގެ ނިންމުން ބަދަލުވެދާނެފަދަ އެއްވެސް ހާލަތެއް ފެންނަން ނެތް ކަމަށާއި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށެވެ.
"އަޅުގަނޑަކަށް (އެނިންމުން ބަދަލު ވެދާނެފަދަ ކަމެއް) ނުފެނޭ. ރައްޔިތުންގެ ނިންމުން ދެމެހެއްޓުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަން ޖެހެނީ ސަލާމަތީ ޚިދުމަތްތަކުން. ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބައޮތް ސަލާމަތީ ޚިދުމަތްތަކުގެ ދައުރު. ރައްޔިތުން ރައްކާތެރިކޮށް، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރަން. އެއީ އެންމެ މުހިންމު އެއް ވާޖިބު" އިންތިހާބީ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އިބޫ ވިދާޅުވީ ރައްޔިތުން، ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށް ސާބިތުވެ ތިއްބަވަން ޖެހޭ ކަމަށާއި ކޯޓުތަކުން ވެސް ރައްޔިތުންގެ އެނިންމުން ބާތިލު ކޮށްފާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
އިންތިހާބީ ރައީސް މިމޭރުމުން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންތިހާބުގެ ނަތީޖާ ޤަބޫލު ކުރެއްވި ނަމަވެސް، ރޭ ބަޔަކު އެެއްކޮށްގެން އިންތިހާބުގެ ނަތީޖާއާއިމެދު ސުވާލު އުފައްދަވާ އެކަމާ ގުޅިގެން މުޒާހަރާ ކުރިއަށް ގެންދިޔުމަށް ވެސް އެދިލެއްވުމާއި ގުޅިގެންނެވެ.