23 ސެޕްޓެމަބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ޞައްޙަ ކަމާއިމެދު ކުރާ އެއްވެސް ތުހުމަތަކީ ޞައްޙަ ތުހުމަތެއް ނޫން ކަމަށާއި ބާޠިލު ވޯޓަށް ބެލި ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ބާޠިލު ވޯޓުވެސް އެންމެ މަދު އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަކްރަމް މިއަދު ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ބާޠިލު ވޯޓުގެ ޢަދަކީ އެންމެ 3000 ވަރަކަށް ވޯޓު ކަމަށާއި ކުރީ ފަހަރުގެ އިންތިޚާބުގައި 6000 ވަރަކަށް ވޯޓު ބާޠިލު ކަމަށެވެ. އިންތިޚާބާއި ގުޅިގެން ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އަދި ވޯޓުގެ ނަތީޖާއަށް ބަދަލު ގެންނަން އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ އެއްވެސް ކަމެއްވެސް ނުއޮންނާނެ ކަމަށެވެ.
"ރާއްޖޭގެ އިންތިޚާބީ ޤާނޫނު އޮންނަ ގޮތުން ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ކޮމިޝަނުގެ ރައީސްކަމުގައި އިންންވައިގެން އިންތިޚާބު ބޭއްވި ނަމަވެސް ވޯޓުގެ ނަތީޖާއަށް ބަދަލުގެންނަން ކުރެއްވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެ. ކޮމިޝަނުގެ 5 މެންބަރުން ވޯޓު ފޮށި ކައިރިއަށް ގޮސްފައިވާނީ ހަމައެކަނި ވޯޓުލުމަށް. ވޯޓުލުމުގެ ހުރިހާ ކަމަކާއި ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާނުކުރުމުގެ ހުރިހާ ކަމެއް ކުރީ އިންތިޚާބާއިބެހޭ އޮފިޝަލުން. ކެންޑިޑޭޓުންގެ މަންދޫބުންނާ ނޫސްވެރިންގެ ޙާޒިރުގަ. ދެން ނަތީޖާ ބަދަލު ކުރަން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯ؟"