ޕީޕީއެމުން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި މުޅި ރާއްޖޭގައި މުޒާހަރާކުރަން ހިއްވަރު ދެއްވައި ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުގައި ވޯޓު ބާޠިލުކުރާ އަނގޮޓި ގެންގުޅުނުކަމަށް ވިދާޅުވެފައިވާއިރު އެވިދާޅުވި އަނޮޓި ގެންގުޅުނު ވޯޓުފޮށިން ބާޠިލުވެފައިވަނީ ޖުމުލަ 60 ވޯޓުކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެހެންކަމުން އެ 60 ވޯޓު އެކުގައި ރައީސް ޔާމީނަށް ހަދިޔާކޮށް ވެދުމަށް އެރުވި ނަމަވެސް އިތުރުވާނީ އެންމެ 60 ވޯޓެވެ.
އިންތިޚާބީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ 134705 ވޯޓު ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96052 ވޯޓެވެ. އެހެންކަމުން އިންތިޚާބީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ ރައީސް ޔާމީނަށްވުރެ 38653 ވޯޓު އިތުރަށް ލިބިވަޑައިގެންފައެވެ.
މިނަތީޖާއަށް ބަލާއިރު އަނގޮޓި ގެންގުޅުނު ވޯޓުފޮށިން ބާޠިލުވި 60 ވޯޓު އެކުގައި ރައީސް ޔާމީނަށް ހަދިޔާކުރި ނަމަވެސް ިންތިޚާބީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް 38593 ވޯޓު އިތުރުވާނެއެވެ. އިންތިޚާބުގެ ޖުމުލަ ނަތީޖާއަށް ބަލާއިރު ބާޠިލު ވޯޓުގެ އަދަދަކީ 3132 ވޯޓެވެ. އެހެންކަމުން ވޯޓުލާން ދިއަ ބައެއް މީހުންގެ އިނގިލީގައި އަނގޮޓިއަޅާފައި ހުރުމާއި އަދި ބައެއް އޮފިޝަލުންގެ އިނގިލީގައި އަނގޮޓި އަޅާފައި ހުރިކަމަށް ބަލައި ބާޠިލުވި 3132 ވޯޓު އެކުގައި ރައީސް ޔާމީނަށް ހަދިޔާކުރި ނަމަވެސް އިންތިޚާބީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް 35521 ވޯޓު އިތުރުވާނެއެވެ.
ވޯޓުލާންދިއަ އެންމެންނާއި ހުރިހާ އޮފިޝަލުން އަނގޮޓި އަޅައި އިތުރު ބައިވަރު އަނގޮޓިތައް ގެންގުޅުނު ނަމަވެސް ބާޠިލު ވޯޓުގެ އަދަދު ވަނީ 2013 ވަނައަހަރަށްވުރެ 50 އިންސައްތަ މަދުވެފައެވެ.
އެހެންކަމަށްވާއިރު އަނގޮޓިއަކާއިހުރެ ރައީސް ޔާމީނު މިހައިވަރަށް ކަންބޮޑުވެވަޑައިގަންނަވައިގެން މިއުޅުއްވަނީ ކީއްވެ ކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ. ބޭނުންފުޅުވަނީ ވުޖޫދުގައި ނެތް މައްސަލައެއް ކުރިމަތިކޮށް މުޅިޤައުމުގައި ހަމަނުޖެހުން ހިންގުވައި އެކަން ބަހަނާއަކަށް ދައްކައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް އެބުނާ ކޮންމެ ގޮތަކުން ނަމަވެސް ވެރިކަމުގައި ހުންނަން ކަމާއިމެދު ވެސް ގިނަ ބައަކު ދަނީ ސުވާލު ކުރަމުންނެވެ.