އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ކުރެވޭ ތުހުމަތުތައް ބަލައި ނުނިމެނީސް ވެރިކަމުގެ ހުވާ ނުކުރެއްވުމަށް ޕީޕީއެމުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލައިފި އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމަސް ގޮވާލެއްވީ ހޯމް މިނިސްޓްރީގެ ނައިބް އަޙްމަދު ޞިއްދީޤް އެވެ. ޞިއްދީޤް ވިދާޅުވީ ޙައްޤު ނޫން ނުވަތަ ކަށަވަރު ނުވާ ކަންތައްތަކެއް ހުއްޓައި ވެރިކަމުގެ ހުވާ ކުރައްވައިފިނަމަ އެއީ ނަރަކައަށް ވަނުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެކަން ޙަދީޘުން އެނގެން އެބައޮތް ކަމަށެވެ.
ޤާނޫނީ ވަކީލު އަނަސް ޢަބްދުއްސައްތާރު މިއަދު ވިދާޅުވީ އޯޑިއޯ އާއި ވީޑިއޯ އިން ކުރެވޭ ތުހުމަތުތަކުގެ ހުރިހާ މައްސަލަތަކެއް ބަލަން މިއީ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީނު ދައްކަވާފައިވާ ވަރަށް ގިނަ ވާހަކަފުޅުތަކާ ގުޅޭ މައްސަލަތައް ބަލަންވެސް މިއީ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ.
އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ ހުވާ ކުރައްވައިފިނަމަ ނަރަކައިން ދޮރެއް ހުޅުވިދާނެ ކަމުގެ ބިރު އޮތްކަމަށް ޞިއްދީޤް ވިދާޅުވެފައިވާއިރު އަމިއްލަ ފުޅު ގެކޮޅަށް ޙަރާމް ފައިސާ ވަދެފައިވާ ކަމަށް ވިދާޅުވެ އެ ފައިސާ އަނބުރާ ދައުލަތާއި ޙަވާލު ނުކުރައްވައި އެފައިސާއިން ޕީޕީއެމްގެ ޚަރަދުތައް ކުރެއްވި ކަމަށް އިއުތިރާފުވެވަޑައިގަތުމުގެ އިތުރުން އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކަންކަން ކުރުން ހުއްދަކަން ބަޔާން ކުރައްވާ ވެރިއަކު ދިފާއުކޮށް އެފަދަ ވެރިއެއްގެ ފަހަތުގައި ހުރުމުން ދޮރު ހުޅުވޭނީ ނަރަކައިން ނުވަތަ ސުވަރުގެއިންކަން ޞިއްދީޤް ވިދާޅުވެފައެއް ނުވެއެވެ. އަދި އެކަމުގެ ޝަރުޢީ ޙުކުމްވެސް ބަޔާން ކުރައްވާފައެއް ނުވެއެވެ.