ފާފަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ފާފަ ކުރެވޭނަމަ ޖެހޭނީ ވަގުތުން އެކަންކަން ހުއްޓައިލާށެވެ. ނަމަވެސް މިއަދުގެ ދުނިޔެއަށް ބަލާއިރު ކުރެވޭ ހުރިހާ ފާފަތައް ކުރުން އެއްފަހަރާ ހުއްޓައިލުމަކީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ.
ފާފަކުރުން ހުއްޓާލައި ވަގުތުން އިޞްލާޙު ނުވެވޭ މީހާއަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން ކުރަންޖެހޭނެ ފުރަތަމަ ކަމަކީ ފާފަކުރުން ހުއްޓާލައި އިޞްލާޙްވާން ނިޔަތްގަނެ ޢަޒުމް ކަނޑައަޅާ ވަގުތުން ފެށިގެން ކޮންމެވެސް އެއް ފާފައަކާއި ވަގުތުން ދުރުހެލިވާން ޖެހޭނެއެވެ. އެވަގުތުން ފެށިގެން އެކަމެއް ހަމަ އެއްގޮތަކަށްވެސް އިތުރަށް ކޮށްގެން ނުވާނެއެވެ.
މިފަދަ ގޮތަކަށް އަމަލުކުރުން ވެގެންދާނީ ރޯދަ ހިފުން ފަދަ ކަމަކަށެވެ. ރަމަޟާން މަހު އެކަނި ރޯދަ ހިފާ މީހާއަށް މުލަ ރޯދަ ދުވަސް ވާނީ ވަރަށް ބުރަ ދުވަހަކަށެވެ. ވަރަށް ގިނަ އުނދަގޫތައްވެސް ވާނެއެވެ. ކެތް ނުކުރެވޭވަރުވާހެންވެސް ހީވާނެއެވެ. ރޯދަ ވީއްލަންވެސް ވިސްނޭނެއެވެ. މިހުރިހާ ކަމެއްވެސް މެދުވެރިކުރުވަނީ ޝައިޠާނާއެވެ. ސިކުނޑިއަށް ސަވާރުވެގެން ރޯދަ ވީއްލުވައިލެވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެއެވެ. ހުރިހާ ނުބައި ވަސްވާސްތައް ދީގެން ހއްލުވައިލަން މަސައްކަތް ކުރާނެއެވެ.
ކުށް ނުވަތަ ފާފަ ކުރުން ހުއްޓާލަން މަސައްކަތް ކުރީމާ ވެސް ހަމަ މިފަދަ ވަސްވާސްތައް ދޭނެއެވެ. އަދި އެއްފަހަރު ކޮށްލާށޭ ބުނާނެއެވެ. އެއަށްފަހު އިޞްލާޙްވާން ވަސްވާސް ދޭނެއެވެ. އެއިން ވަސްވާސްއެއްގައި ޖެހެވިއްޖެ ނަމަ ނުވަތަ ޤަބޫލުކުރެވިއްޖެނަމަ އެމީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ އަބަދުވެސް އަދިއެއްފަހަރު ގުނަގުނައެވެ. އެއްވެސް ކަމެއް އިޞްލާޙެއް ނުކުރެވޭނެއެވެ. ނަމަވެސް ކޮންމެ ގޮތަކުން ނަމަވެސް އެންމެ ކަމެއްވެސް ހުއްޓައިލެވިއްޖެނަމަ ދެން ދާނީ ކުރިއެރުން ލިބެމުންނެވެ.
ކުރެވެމުން އައި ނުބައި އެއް ޢަމަލުކުރުން ހުއްޓައިލެވުމާއިއެކު ދެންހުރި އަމަލުތައް ކުރުން ހުއްޓައިލާނެ ގޮތުގެ ތާވަލެއް އަވަހަށް ރާވައލާށެވެ. ކޮންމެ ފަދަ ބޮޑު ޤްރްބާނީއެއް ވެގެން ނަމަވެސް އެ ތާވަލަށް ޢަމަލުކުރާށެވެ.
އެނގޭހެއްޔެވެ.؟ ﷲ ތަޢާލާ އާއި ގާތަށް އަހަރެމެން އެންމެ އިންޗިއެއް ޖެހިލާއިރަށް އަހަރެމެންނަށް ނުއެނގިތިބެ މޭލަކަށް ކައިރިވެވޭނެއެވެ. މޭލަކަށް ކައިރިވެވޭއިރަށް ބައްރުތައް ހުރަސްކުރެވޭނެއެވެ. ބައްރުތައް ހުރަސްކުރެވޭއިރު ފަސޭހަކަމާއިއެކު ޞިރާޠުމަގު ހުރަސްކުރެވޭވަރަށް ﷲ ތަޢާލާ އާއި ކުއްތަން ވެވޭނެއެވެ. އެހިސާބުން ﷲ ތަޢާލާގެ ވާގިފުޅާއިއެކު ތިބާއަށް ސުވަރުގެ ވަދެވުނީއެވެ. އޮތީ ހަމަ ހިއްވަރުކޮށްލުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން