ދުނިޔެ ހޯދަން ތެޅިފޮޅި ސިކުނޑި ގާނައި ހުސްކުރި ނަމަވެސް ލިބޭނީ ﷲ ދެއްވެވި މިންވަރެއްކަން ހަމަ ނޭނގެނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ދުނިޔެ ހޯދަން ތެޅިފޮޅި ސިކުނޑި ގާނައި ހުސްކުރި ނަމަވެސް ލިބޭނީ ﷲ ދެއްވެވި މިންވަރެއްކަން ހަމަ ނޭނގެނީތަ؟
ބައެއް މީހުން ހަމަ ތެޅި ފޮޅެނީއެވެ. 24 ގަޑިއިރުވެސް މަސައްކަތް ކުރަނީ އާމްދަނީ އިތުރުކުރާށެވެ. ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ބާރުތައް އިތުރަށް ވަރުގަދަ ކުރުމަށެވެ. އަމިއްލަ ގެ އެންމެ އުހަށް ނުއުފުއްލިގެންނެވެ. ނުވަތަ އެނޫންވެސް ދުނިޔަވީ ކޮންމެވެސް ކަމެއް ޙާޞިލު ނުކުރެވިގެންނެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮންނަނީ ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކުގެ ތެރެއިން އެންމެ ނިޢުމަތެއްވެސް ގެއްލިދާނެތީއެވެ. އެކައުންޓުން އެންމެ ދިރުހަމެއްވެސް މަދުވެދާނެތީއެވެ. ތިޖޫރީން އެންމެ ދިރުހަމެއް ވެސް މަދުވެދާނެތީއެވެ.

މިގޮތަށް ތެޅިފޮޅެމުންދާއިރު އެމީހުންނަށް ދުނިޔެއަށް އާދެވުނު ގޮތާއި ތިމާ ދުނިޔެއަށް ފޮނުއްވެވުނު ސަބަބު ހަނދާނެއް ނުހުރެއެވެ. ހަމަ އެންމެ ފެން (މަނި) ތިއްކަކުން ތިބާ އުފައްދަވައި އެއްވެސް އާރެއް ބާރެއް ނެތި ދުނިޔެއަށް ފޮނުއްވެވުމަށްފަހު ﷲ ތަޢާލާ މިއަދު ދެއްވަވާފައިވާ ނިޢުމަތްތައް ދެއްވެވީ ﷲ ތަޢާލާކަން ހަނދާނެއް ނުހުރެއެވެ.

ނަތީޖާއަކަށްވެގެންދަނީ އެންމެ ކުޑަމިނުން ނަމާދުކުރަންވެސް ހަނދާން ނެތުމެވެ. ހަމަ ބިޒީކަން ބޮޑުވެގެންނެވެ. ދުނިޔެ މުށުތެރެއަށް ލެވޭތޯ ކުރަންހުރި މަސައްކަތްތައް ގިނަކަމުންނެވެ. ދުނިޔޭގައި ހުރި އެންމެ ބޮޑު މުއްސަނދި މީހާއަށް ވުމަށް އޮންނަ ބޭނުން ބޮޑުކަމުންނެވެ. އެންމެ ބާރާއި ނުފޫޒު ގަދަ މީހާއަށް އޮންނަ ބޭނުން ބޮޑުކަމުންނެވެ. އެންމެ ބޮޑު ވެރިކަމެއް ކުރާ މީހާއަށް ވުމަށް އޮންނަ ޝައުޤުވެރިކަން ބޮޑުކަމުންނެވެ.

ދުނިޔޭގައި ހުރި އެންމެ ބޮޑު ބިލިއަނަރަށް ވެވުނު ނަމަވެސް އެންމެ ބާރާއި ނުފޫޒުގަދަ ވެރިމީހާއަށް ވެވުނު ނަމަވެސް މަރުވާނެއެވެ. ކައްވަޅުގެ ސުވާލުތަކާއި ކުރިމަތިލާނެ ޖެހޭނެ އެވެ. އާޚިރަތް ދުވަހު ހިސާބު ބެލެވޭނެއެވެ. ސަލާމަތް ކަމެއް ލިބޭނީ ﷲ ތަޢާލާ އަންގަވާފައިވާ އަމަލުތައް ކުރުންމަތީގައި ދެމި ހުރެއްޖެ ނަމައެވެ. ވީއިރު އެކަމަށް ތައްޔާރު ނުވެ ދުނިޔެ ބޮނޑިބަނދެވޭތޯ މިބަލަނީ ދުނިޔެ ދޫކޮށްފައިދާއިރު ކިހައި އެއްޗެއްސެއް ހިފައިގެން ދެވޭނެ ކަމަށް ހެއްޔެވެ؟

ޖަމާއަތެއްގެ ނަމަވެސް ކުންފުންޏެއްގެ ނަމަވެސް އަދި އެހެންކަމެއްގައި ނަމަވެސް ބާރުވެރިކަން ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ތަންތަނުގައި މަސައްކަތްކުރާ މުވައްޒިފުން އަބަދުވެސް މަސައްކަތް ކުރާނީ މަޤާމުގެ ކުރިއެރުން ހޯދާށެވެ. އެކަމަށް ބޭނުން ނުވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް ހުރިހާ މުވައްޒިފުންނަށް ވެރިކަމެއް ނުލިބޭނެއެވެ. އެއީ ސަތޭކަވަރަކަށް މަސައްކަތް ކުރާ ކުންފުންޏެއް ނަމަވެސް އެންމެ އިސްވެރިންގެ ގޮތުގައި ތިބޭނީ ވަރަށް މަދު ބައެކެވެ.

އެފަދަ މަޤާމެއް ލިބިއްޖެ ނަމަ ބައެއް މީހުންނަށް ހީކުރެވެނީ މަޤާމު ލިބުނީ އޭނާގެ މޮޅުކަމުން ކަމަށެވެ. ނަމަވެސް އެއީ ކަމުދާ ވިސްނުމެއް ނޫނެވެ. ކިތަންމެ ވަރަކަށް މަސއްކަތް ކުރި ނަމަވެސް ވަޒީފާ ލިބޭނީ ވެސް ޕްރަމޯޝަން ލިބޭނީ ވެސް ވެރިކަމުގެ މަޤާމަކަށް ދެވޭނީ ވެސް ހަމަ ﷲ ތަޢާލާ އެކަމަކަށް މިންވަރު ކުރެއްވެވުމުންނެވެ.

މުއްސަނދިވުމަށް މަސައްކަތް ކުރި ނަމަވެސް އޮތީ ހަމަ މި މަގެވެ. ކިތަންމެ ވަރަކަށް ތެޅި ފޮޅުނު ނަމަވެސް، ވިސްނަމުން ގޮސް ސިކުނޑި ގާނައި ހުލިކޮށްލި ނަމަވެސް ލިބޭނީ ހަމަ ޤ ތަޢާލާ މިންވަރު ކުރެއްވެވި އެއްޗެކެވެ. ވީއިރު ތެޅި ފޮޅެންވީ ދުނިޔެއިން ކަމެއް ޙާޞިލު ނުކުރެވިގެން ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާ އެންގެވި ކަމެއް ނުކުރެވިގެން ހެއްޔެވެ؟ އަމިއްލައަށް ވިސްނައި ޖަވާބު ހޯދާށެވެ.

- ލަވް އިސްލާމްގެ ދަރުސަކުން
މިއަދު އޮންލައިން