ރޭސް ކާމިޔާބުކުރެވޭނީ އެމީހަކަށް ކުރެވޭ ވަރަކުން އަޅުކަން ކުރުން އިތުރުކުރާ މީހާއަށް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ރޭސް ކާމިޔާބުކުރެވޭނީ އެމީހަކަށް ކުރެވޭ ވަރަކުން އަޅުކަން ކުރުން އިތުރުކުރާ މީހާއަށް: މުފްތީ މެންކް
ހައިވޭއެއްގައި ކާރު ދުއްވުމުން މިސާލު ނަގަމާ ހެއްޔެވެ؟ ބައެއްމީހުން އެންމެ ފަހުގެ އެންމެ މޮޅު ކާރުގައި ގަޑިއަކު 100 މޭލު ބާރުމިނުގައި ދުއްވަފާނެއެވެ. އެހައި ބާރު މިނުގައި ދުއްވާފައި ދަނިކޮށް ކިތަންމެ ކުޑަ ކަމަކާއިހުރެ ނަމަވެސް އިހުމާލު ވެވިއްޖެ ނަމަ މަގުން ކައްސާލައިފާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ކާރާއި އެމީހާގެ ދުވަސް ދިއައީއެވެ.

އަނެއް ބައަކު ތަންކޮޅެއް ކުރީގެ މުސްކުޅި ކާރެއްގައި ތަންކޮޅެއް މަޑުން ދުއްވައިފާނެއެވެ. ނަމަވެސް އެފަދަ މީހުން ދުއްވާނީ ވަރަށް ބަލައިގެން ވަރަށް ފަރުވާތެރިކަމާއިއެކުގައެވެ. އެހެންކަމުން އެކްސިޑެންޓް ވުމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ. ނަމަވެސް އަމާންކަމާއިއެކު ސަލާމަތުން ދަތުރު ނިންމައިލުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.

ސަލާމަތް ކަމާއިއެކު މަޙްޝަރު ދުވަސް ޙާޞިލުކުރަން އެދޭމީހާއަށް ވެސް އޮތީ މިފަދަ ގޮތެކެވެ. ހުރިހާ އަޅުކަމެއް އެއްފަހަރާ މާބާރު ސްޕީޑުގައި ކުރަން އުޅެގެން އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް އެމީހަކަށް ކުރެވޭ ވަރަކުން ކަންކަން ކުރަން ފަށައިގެން އިތުރުކުރަމުން ގެންދާނަމަ ކަންކަން ކުރެވެމުން ދާނީ މާރަނގަޅު ގޮތުގައެވެ.

ކުޑަކުޑަ މިސާލެއް ބުނަން ހެއްޔެވެ. ބައެއް މިސްކިތްތަކުގައި ބަންގިއަށްފަހު ޤަމާތް ދޭން ނަގަނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. އެންމެ 10 ވަރަކަށް މިނިޓެވެ. ބައެއް މީހުން އެ ވަގުތުކޮޅު ތެރޭގައި ރަވާތިބު ސުންނަތުގެ 4 ރަކްޢަތް ކުރަން މަސައްކަތް ކުރެއެވެ. ވަރަށް އަވަސް އަރުވާލާފައި ރަކްޢަތްތައް ކޮށްލައެވެ. އަވަސްކުރަން ހަދައިގެން ކިޔޭ ނުކިޔޭ އެއްޗެއް ތިމާއަށްވެސް ނުއެނގޭހައި އަވަސް އަވަހަށް ކިޔައިލައެވެ.

އަނެއް ބައަކު ހުރިހާ ކަމަކަށް ވިސްނައި ކުރަނީ 2 ރަކްޢަތެވެ. ވަރަށް ޚުޝޫޢަތްތެރި ކަމާއިއެކުގައެވެ. ކިޔާ ތަކެއްޗަށާއި މާނައަށް ވިސްނައިގެންނެވެ. ނިކަން ބުނެބަލާށެވެ! ފުރިހަމަވާނީ ކޮން ގޮތެއް ހެއްޔެވެ؟ އަވަސް އަރުވާލައިގެން ކިޔޭ ކިޔޭ ނުކިޔޭ އެއްޗެއް، ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގޭ ގޮތައް 4 ރަކްޢަތް ކުރީމައި ހެއްޔެވެ؟ ﷲ ތަޢާލާގެ އެންގެވުމަށް ޖިބްރީލުގެފާނު ވަޑައިގެން ރަސޫލާ (ޞޢވ) އަށް ދަސްފުޅުކޮށް ދެއްވެވި ގޮތަށް ޚުޝޫޢަތްތެރިކަމާއިއެކު 2 ރަކްޢަތް ކުރުމުން ހެއްޔެވެ؟

ޖަވާބު އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ. ހަމަ ޔަޤީނުންވެސް އެނގޭ ކަމަކީ ނަމާދު ނަމާދަކަށް ވާނީ ޝަރުޠުތަކެއް ފުރިހަމަވެގެން ކަމެވެ. އެޝަރުޠުތައް ފުރިހަމަ ނުވާގޮތަށް ކިތަންމެ ގިނައިން ގުދުވެފަ ތެދުވި ނަމަވެސް އެއީ ނަމާދަކަށް ނުވާނެއެވެ. ވީމާ އަމިއްލަ ވިސްނުމުން ގޮތެއް ނިންމީމާ ރަނގަޅުވާނެއެވެ.

-‍ މުފްތީ މެންކުގެ ދަރުސަކުން
މިއަދު އޮންލައިން