ޤާސިމް އިބްރާހީމް މާދަމާ މާލެ ވަޑައިގަންނަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޤާސިމް އިބްރާހީމް މާދަމާ މާލެ ވަޑައިގަންނަވާނެ!


ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަށް މާލެ ވަޑައިގެންނެވޭނީ މާދަމާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެނގިފައިވާ ގޮތުން ޤާސިމް އިބްރާހީމް ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހު 2 ޖަހާއިރުއެވެ.

ޤާސިމް އިބްރާހީމް ވަނީ މިއަދު ރާއްޖެ ވަޑައިގަންނަވަން މަސއްކަތްޕުޅު ކުރައްވައިފައެވެ. ނަމަވެސް އެމަނިކުފާނު ޖަރުމަނު ވިލާތުގައި ހުންނެވީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ކަމަށްވާތީ ރާއްޖެވަޑައިގަތުމަށް ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާ ބައެއް ކަންކަން ފުރިހަމަ ކުރެއްވުމަށް އިތުރު ވަގުތު ބޭނުންފުޅުވީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޤާސިމް އިބްރާހީމްގެ މައްޗަށް އެމަނިކުފާނުގެ ޣައިރުގައި 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބަޔާނެއް ނެރެފައިވަނީ އެމަނިކުފާނުގެ ޞިއްޙީ ޙާލުކޮޅު ސީރިއަސްވެ އެދުވަހު ކޯޓުތެރެއަށް ވެއްޓިވަޑައިގަތުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދަނިކޮށް މިދިއަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 2 ޖަހާ އެހައިކަންހާއިރުއެވެ. އެމަނިކުފާނުގެ ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން އިތުރު ފަރުވާއަށް ރާއްޖެއިން ވަޑައިގަތުމަށް ލުރިންސުރެ ޑޮކްޓަރުން ލަފާ ދެއްވަމުން ގެންދެވި ނަމަވެސް އަދި އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައި ދިނުމަށް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް ބޭސްފަރުވާއަށް ފުރާވަޑައިގަނެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދިނީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރުވެސް އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ. ޖަރުމަނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ފަރުވާ ފުރިހަމަ ކުރެއްވޭނެ މަގު ހޯއްދެވުމަށެވެ.

ރައީސް ޔޢމީނުގެ ސަރުކާރަށް ޤާސިމް އިބްރާހީމް މާފުށީ ޖަލުގެ ދަގަނޑު ކުޑަގޮޅީގައި ބަންދު ނުކުރެވުމުން އެމަނިކުފާނުގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް ހިފައި ހައްޔަރުކޮށް މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަދުވަހުން ފެށިގެން ޖުލައި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ވަނީ މާފުށީ ޖަލުގެ ދަގަނޑު ގޮޅީގައި ބަންދުގައި ބަހައްޓައިފައެވެ.

ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފްކުރިތާ އަހަރުދުވަސްވީފަހުން 70000 ރުފިޔާގެ ޑިޕޮޒިޓެއް ބެހެއްޓުމުން ކަފާލާތުގެދަށުން މިނިވަން ކުރީ މިދިއަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން