ވެރިކަން ބަދަލުކުރަން ބޮޑަށް ހިއްވަރުކުރީ ކަނބަލުން، ކަނބަލުންގެ ތަރައްޤީއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން: ފައިސަލް
ނިމިގެން ދިއަ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވެރިކަން ބަދަލުކުރަން ބޮޑަށް ހިއްވަރުކުރީ ކަނބަލުން ކަމަށާއި ކަނބަލުންގެ ތަރައްޤީއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އިންތިޚާބީ ނައިބްރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިޞަލް ންސީމް، ރައީސް މައުމޫން އާއި ބައްދަލު ކުރެއްވުމަށް ރައީސް މައުމޫނުގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވެވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިޞަލް ވިދާޅުވީ ނޮވެމްބަރު މަހު ޤާއިމުކުރެވޭ ކޯލިޝަނުގެ ސަރުކާރު ވެގެންދާނީ ހުރިހާ ގޮތަކުން ވެސް ވަރަށް ވަރުގަދަ ސަރުކާރަކަށް ކަމަށެވެ.
ސަބަބެއް ކަމަށް ވިދާޅުވީ ސަރުކާރަކީ ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ޤާބިލު 4 ލީޑަރުން އިސްކޮށް ތިއްބަވައިގެން ޤާއިމުކުރެވޭ، އަދި އެ 4 ލީޑަރުންގެ އިރުޝާދާއި ލަފާފުޅާއިއެކު ކުރިއަށް ގެންދެވޭނެ ސަރުކާރަކަށް ވުން ކަމަށެވެ.
ފައިޞަލް ވިދާޅުވީ އެ ސަބަބަށްޓަކައި ކޯލިޝަނުގެ ސަރުކާރު ވެގެންދާނީ ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތް ކުރުމުގައި ނަމޫނާ ދައްކައިދޭ ވަފާތެރި، ޚިދުމަތްތެރި ސަރުކާރަކަށް ކަމަށެވެ. އަދި ރާއްޖޭގެ ސައްތައިންސައްތަ މުސްލިމްވަންތަކަން ހިމާޔަތްކޮށް ދަމަހައްޓާނެ ސަރުކާރަކަށް ކަމަށެވެ.