ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ ބަދަލުވާނެ "މެޓީރިއަލް" އެއްވެސް ކަމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވި ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިއަދު ވިދާޅުވީ ހޯމް މިނިސްޓަރު މިމޭރުމުން ވިދާޅުވީ އިންތިޤާލީ މަރުހަލާގެ ކަންކަން ވިލަރެސް ކުރަމުން ގެންދާ ކޮމިޓީން އެމަނިކުފާނާއި ބައްދަލުކުރުމުން ކަމަށެވެ.
މާރިޔާ ވިދާޅުވީ ހޯމް މިނިސްޓަރުގެ ބަސްފުޅުން ވެސް އެނގެނީ ބޭރުތެރޭގައި އިންތިޚާބާއި ބެހޭ ވާހަކަތަކެއް ދެއްކި ނަމަވެސް ވޯޓުގެ ނަތީޖާ ބަދަލުވާނެ އެއްވެސް ސަބަބެއް ނެތްކަން ކަމަށެވެ.
ޕީޕީއެމުން ރޭ ވެސް ވަނީ 70 ވަރަކަށް މީހުންނާއިއެކު ވޯޓާއި ގުޅުވައިގެން މާލޭގައި މުޒާހަރާކޮށްފައެވެ. ރައީސް ޔާމީނު ވަނީ ޝުޢޫރު ފައުޅުކުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.