އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އާއި އިމްރާން ޚާން- ސަރަހައްދީ ބޮޑު ބައްދަލުވުމެއް!
އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާނަށް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ދައުވަތު އިމްރާން ޚާން ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށް ޕާކިސްތާނު ޓުޑޭ ނޫހުން ބުނެފިއެވެ.
އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނަވާނެ ކަމަށް އުންމީދު ކުރެވޭއިރު ޕާކިސްތާނާއި ދެ ޤައުމުގެ ބޮޑުވަޒީރުން މި ރަސްމިއްޔާތުން ފެނިގެން ދިއުން ވެގެންދާނީ
ސަރަހައްދީ ބޮޑު ބައްދަލުވުކަށް ކަމުގައި ފާހަގަ ކުރެވެއެވެ.
ރާއްޖެއިން ސަރަހައްދީ ޤައުމުތަކާއި އިތުރަށް ގުޅުން ބަދަހިކުރާނެ ކަމަށާއި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ބަދަހި ގުޅުމެއް ބޭއްވުމަށް ރާއްޖެއިން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރާނެ ކަމުގެ ކަމަށް އިންތިޚާބީ ރައީސް އިބރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަކީ ސާކު ސަރަހައްދުގައި އޮތް އެންމެ ކުޑަ ޤައުމު ނަމަވެސް ޤައުމުތަކުގެ މެދުގައި އުފެދުނު ބައެއް މައްސަލަތައް ޞުލްޙަވެރިކަމާއިއެކު ޙައްލު ކުރުމުގައި ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ރާއްޖެއިން ވަނީ އިސް ދައުރެއް އަދާކޮށްފައިކަން ފާހަގަކުރެވެއެވެ.