މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމާފައިވާ ނިންމުން ޖޫޑިޝަރީން ވެސް އަދި އެހެން މުއައްސަސާއަކުން ވެސް ބަދަލު ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖެ ވަޑައިގެން މ. ކުނޫޒުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ ނިންމުން އެއްވެސް ފަރާތަކުން ބަދަލު ނުކުރާނީ އިންތިޚާބުގައި އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވާ ވޯޓު ގިނަވެ މާބޮޑުތަނުން ތަފާތުވުމުން ކަމަށެވެ.
ޤާސިމް އިބަރާހީމް ވަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލަން ވާހަކަތައް ފެތުރި ނަމަވެސް އެވާހަކަތައް ޤަބޫލު ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މިހާރެކޭ އެއްފަދައިން ކެތްތެރިކަމާއިއެކު ސާބިތުވެ ތިބުމަށްވެސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. "އެއްވެސް ބޭފުޅަކު ޝައްކު ނުކުރައްވާ! އިރާދަ ކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ އިބްރާހީމް މުޙައްމަދު ޞާލިޙް!"
ޤާސިމް އިބްރާހީމް ވިދާޅުވީ 2013 ވަނަ އަހަރު އިންތިޚާބުގެ ވޯޓުލުން ލަސްވެގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ދުވަހަކީ ނޮވެމްބަރު 17 ވަނަ ދުވަސް ކަމުގައި ސްޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް އެއީ ދެން ކުރިއަށް އޮތް އަހަރުތަކުގައި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ދުވަސް ކަމުގައި ހަދަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ހުވާކުރުމުގެ ރަސްމިއްޔާތުވެސް އެހެން ފަހަރުތައް ފަދައިން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބާއްވަން އެއްވެސް ހުރަހެއް އޮތް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އިންތިޚާބީ ރައީސް ހުވާ ކުރެއްވުމާއި ހަމައަށްވެސް ކަންތައްތައް ޤައުމުގެ ކަންތައްތައް ދާނީ އަމާންކަމާއިއެކުގައި ކަމަށާއި އެއަށްފަހު ކަންތައްތައް ކުރިއަށްދާނީ މާބޮޑަށް އަމާންކަމާއިއކުގައި ކަމަށެވެ.
ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ)