ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ފެށިގެން މިހާރު ކުރިއަށްދާތީ، އެއްވެސް އާ މަޝްރޫއުއެއް މިވަގުތު ކުރިއަށް ނުގެންދިޔުމަށް އިންތިހަބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނުގެ ފަރާތްޕުޅުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީއެއްގައި، ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފު ވިދާޅުވީ، އާ މަޝްރޫއުތައް ނުފެށުމުގެ އިތުރުން އިންތިގާލީ މިމަރުހަލާގައި އާ މަޝްރޫއުތައް ބީލަމަށް ނުކުމަށާއި ދައުލަތުގެ ނަމުގައި އެއްވެސް ލޯނެއް ވެސް ނުނެންގެވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
ދައުލަތުން މާލީ ޒިންމާ އުލުލަން ޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް މިމަރުހަލާގައި ނުހިންމުމަށް ވެސް އިންތިހާބީ ރައީސް އެދިވަޑައިގަންނަވާ ކަމަށް ސިޓީގައި ލަތީފް ވިދާޅުވެފައިވެއެވެ.