އީސީގެ ކުށަކީ ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުން ކަމަށް ވެދާނެ: އިލެކްޝަންސް ކޮމިޝަނަރ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އީސީގެ ކުށަކީ ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުން ކަމަށް ވެދާނެ: އިލެކްޝަންސް ކޮމިޝަނަރ
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުށަކީ ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުން ކަމަށް ވެދާނެ ކަމަށާއި އެއީ ކުށަކަށް ހެދި ނަމަވެސް އެފަދަ އެއްވެސް ކަމެއް އިލެކްޝަންސް ކޮމިޝަނުން ނުކުރާނެ ކަމަށް އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް މިރޭ ވިދާޅުވީ ވޯޓުފޮށިތަކާއި އަދި ވޯޓާއި ގުޅޭ ހުރިހާ ކަމެއް ކިތަންމެ ވަރަކަށް ރީޗެކްކުރަންވެސް އިލެކްޝަންސް ކޮމިޝަން އޮތީ ތައްޔާރަށް ކަމަށާއި ޤާނޫނުގައި އޮންނަ ގޮތަށް އެކަންކަން ކުރަން އެކޮމިޝަނުން މަރުޙަބާ ކިޔާ ކަމަށެވެ.

"ވޯޓުފޮށިތައްވެސް ހަމަ ކަނޑައި ހުޅުވަންވީ. ވޯޓު އަލުން ގުނަންވެސްވީ. ވޯޓު ކަރުދާސްތައްވެސް ޗެކުކުރަންވީ. އެއްވެސް ބާވަތެއްގެ ކެމިކަލެއް ބޭނުން ކޮށްފައި ހުރިތޯވެސް ބަލަންވީ. ފާހަގަތައް ކޮޅުކޮޅަށް ދުވޭތޯވެސް ބަލަންވީ. އިލެކްޝަންސް ކޮމިޝަން އޮތީ ހަމަ މިހުރިހާ ކަމަކަށްވެސް ތައްޔާރަށް."

ޝަރީފް ވިދާޅުވީ އެކޮމިޝަނުން ހުރިހާ ކަމެއް ކުރީ ރަނގަޅަށްކަން ސާބިތުކުރުމަކީ މަގުމަތިން ބައަކު ގޮވާ ގޮވުމަށް ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. "ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަމަށް ޤަބޫލުކުރެވޭނަމަ އަވަހަށް ކޯޓަށް ވަޑައިގަންނަވަންވީ. މުއައްސަސާތަކަށްވެސް ހުށަހަޅަންވީ. ޖަވާބުދާރީވާން ކޮމިޝަން އޮތީ ތައްޔާރަށް. ދެން އިންތިޚާބާއި ގުޅޭ ގޮތުން އެއްވެސް ކަމެއް ހިނގާފައިވާ ގޮތުގެ މައުލޫމާތު އޮޅުން ފިލުވަން ބޭނުން ނަމަ ހަމަ ކޮންމެ މީހަކުވެސް ކޮމިޝަނަށް އަންނަންވީ. މައުލޫމާތު ސާފުކޮށްދޭން ކޮމިޝަން އޮތީ ތައްޔާރަށް. ނަމަވެސް މަގުމައްޗަށް ނުކުމެ ބައަކު ދައްކާހައި ވާހަކައަކަށް ޖަވާބެއް ނުދެވޭނެ. އެއީ ކޮމިޝަނުގެ މެންޑޭޓުގައި ކުރަން އޮންނަ ކަމެއް ނޫން." ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ބެހޭ ހުރިހާ ކަމެއްވެސް ކޮށްފައިވާނީ ޤާނޫނާއި އަދި ޤަވާއިދާއި އެއްގޮތަށް ކަމަށާއި ވޯޓު ނުވަތަ ވޯޓުގެ ނަތީޖާ އޮޅުވާލަން އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ޝަރީފް މިރޭ ވެސް ވިދާޅުވީ އިންތިޚާބާއި ބެހޭ ޤާނޫނު އޮންނަ ގޮތުން ވޯޓު އޮޅުވައިލުމަކީ އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ.
މިއަދު އޮންލައިން