ހުކުރަށް ގޮސް ތިބޭ މީހުންނަށް އުނދަގޫކުރަމުން ކުރީ ސަފަށް އެރީމާ ކުރީ ސަފަށް އެރުމުން ލިބޭ ސަވާބު ލިބޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ހުކުރަށް ގޮސް ތިބޭ މީހުންނަށް އުނދަގޫކުރަމުން ކުރީ ސަފަށް އެރީމާ ކުރީ ސަފަށް އެރުމުން ލިބޭ ސަވާބު ލިބޭނެތަ؟
އިސްކަންދަރު މިސްކިތުގައި މިއަދު ހުކުރު ޚުޠުބާ ކިޔަން ފަށައި ފުރަތަމަ ޚުޠުބާ ކިޔައި ނިމެން ދާދި ކައިރިވެފައި ހުއްޓައި މިސްކިތަށް އެރި މީހެކެވެ. މީސް މީހުންގެ ކޮނޑުތައް މަތިން ގިރާކުރަމުން އައިސް އެންމެ ކުރީ ސަފަށް އަރައި ފިތިގެން އިށީނުމުން ސަފުގައި ކުރިންސުރެ އިށީނދެ އިން މީހާއަށް ޖެހުނީ އޭނާއަށް ތަން ދައްކާފައި ސަފުން ބޭރުވާށެވެ.

ނޫކުލައިގެ ގަމީހެއް ލައިގެން ހުރި އެމީހާ ދިއައީ 12 ވަރަކަށް އަހަރުގެ ދަރިއަކުވެސް ގޮވައިގެންނެވެ. ދަރިފުޅަށް ޖެހުނީ ތަންކޮޅެއް ހޯދައިގެން ދެވަނަ ސަފުގައި އިށީންނާށެވެ.

މިހުންނަނީ ވަރަށް ހިތާމަ ހުރި ކަންކަމެވެ. ހުކުރަށް ގޮސް ތިބޭ މީހުންގެ ކޮނޑުތައްމަތިން ގިރާކުރަމުން ކުރިއަރައި ދިއުމަކީ ހުއްދަ ކަމެއް ނޫނެވެ. ރަސޫލާ (ޞޢވ) ޚުޠުބާ ވިދާޅުވަން ހުންނަވަނިކޮށް އެފަދަ ގޮތަކަށް އަމަލުކުރި މީހަކަށް ހުޓެން އަންގަވައި އިށީންނަން ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ.

ޚުޠުބާ ވިދާޅުވުން ހުއްޓަވައިލައްވަވައި އޭނާއަށް އިށީންނަން އަމުރުފުޅު ކުރެއްވެވުމުން އެކަމުގައި ހުރި ނުބައިކަން އެނގިގެންދާކަން ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.

ހުކުރަށްދާ މީހުންގެ ނަން ލިޔުއްވަން ތިއްބަވާ މަލާއިކަތުން އިމާމް މީހާ ޚުޠުބާ ކިޔަން ފެށުމާއިއެކު ނަން ލިޔުއްވުން ހުއްޓަވައިލައްވައި ޚުޠުބާ އަޑުއައްސަވަން ފަށްޓަވައެވެ. އެހެންކަމަށްވާއިރު އެއިގެފަހުން މިސްކިތަށް އަރައި އެންމެންގެ ކޮނޑުމަތިން ގިރާކުރަމުން ނުވަތަ މީހުން ފޭކުރަމުން އެންމެ ކުރީ ސަފަށް އެރި ނަމަވެސް މަލާއިކަތުންގެ ފަތުގައި އެމީހާ ހުކުރަށް ދިއަ ކަމަކަށް ނުލިޔުއްވަވާނެއެވެ. ހަމަ އެއާއެކު ދަރިން ގޮވައިގެން ގޮސް އެފަދަ ގޮތްގޮތަށް ކަންތައް ކުރުމުން ދަރިންނަށް ދަސްކޮށް މިދެވެނީ ކޮންފަދަ ނުރަނގަޅު ގޮތެއްތޯއެވެ؟

ރާއްޖެއަކީ މެންދުރު ނަމާދުގެ ބަނގިއަށްފަހު ހުކުރުކުރާ ޤައުމެއް ނޫނެވެ. ކޮންމެ ހުކުރު ދުވަހަކު 12.35ގައި ހުކުރުކުރާ ޤައުމެކެވެ. ވީމާ ހުކުރު ކުރަންފަށާ ގަޑި އޮޅިގެން ލަސްވާކަށް ނުޖެހެއެވެ. ދިމާވާ ސަބަބަކާއިހުރެ ހުކުރަށް ދިއުން ލަސްވި ނަމަވެސް އެހެން މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް އަމަލު ނުކުރާނަމަ މިއީ ވަރަށް ދެރަވާންޖެހޭ ކަމެކެވެ.

ހުކުރަށް ގޮސް ތިބޭ މީހުންނަށް އުނދަގޫކުރަމުން ކުރީ ސަފަށް އެރީމާ ކުރީ ސަފަށް އެރުމުން ލިބޭ ސަވާބު ލިބޭނެތޯ ނޫނީ އެކަން ބަދަލުވާނީ ތިމާއަށް ގެއްލުން ހުރި ކަމަކަށްތޯ މިފަދަ ކަންކަން ކުރާ މީހުން އެމީހުންގެ އަމިއްލަ ނަފުސާއި ސުވާލުކޮށްލުން ރަނގަޅުވާނެ އެވެ.
މިއަދު އޮންލައިން