ރާއްޖޭގެ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް އުފެއްދި ކޮމެޓީތަކުން މިހާތަނަށް ނުވަ މިނިސްޓްރީ އަކަށާއި ސަރުކާރުގެ އަށް ކުންފުންޏަކަށް ޒިޔާރަތްކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ފަރާތުން ސިޔާސީ ކަންކަން ހިންގެވުމަށް ކަނޑައަޅުއްވާފައި ހުންނެވި ޝާހިދު ވިދާޅުވީ މިހާތަނަށް ނުވަ މިނިސްޓްރީ އަކަށް ޒިޔާރަތް ކުރެވިފައިވާއިރު، ކުދި މައްސަލަތަކެއް ދިމާވި ނަމަވެސް ދެ ފަރާތުން ވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭ ކަމަށެވެ.
"މިނިސްޓަރުންނަށް ކުރަނީ އިޚުތިރާމުގެ ޒިޔާރަތެއް. ހަގީގީ މަސައްކަތް ފަންނީ ލެވަލެއްގައި ކުރަމުން މިދަނީ ސިވިލް ސާވަންޓުންނާއެކު" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
މިހާތަނަށް ނުދެވި ހުރީ ކޮން މިނިސްޓްރީތަކެއްކަން ޝާހިދު ހާމަ ނުކުރެއްވި ނަމަވެސް ވިދާޅުވީ، ނުދެވިހުރި ހަ މިނިސްޓްރީ އަށް އަންނަ ހަފްތާގެ ތެރޭގައި ދެވޭނެ ކަމަށެވެ.