ދައުލަތުގެ މުދާ ނުއަގުގައި އަދި އުސޫލުތަކުން ބޭރުން އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުގައި ނުވިއްކާނެ ކަމަށް ނޫސްވެރިންނަށް ބޭއްވި ޙާއްސަ ޕްރެސް ބުރީފިންނެއްގައި ވާހަކަ ދައްކަވަމުން ޗެއާމަން އޮފް ޓްރާންސިޝަން އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދު ވިދާލުވީ، ރިޔާސީ އިންތިޚާބަށް ފަހު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މި ޓްރާންސިޝަން މުއްދަތުގައި، މިހާރުގެ ސަރުކާރުން ދައުލަތުގެ މުދާތައް ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށާއި އާ ސަރުކާރުން އެ މައަސަލަތަށް ބަލާނެ ކަމަށެވެ.
"މިފަދަ ޓްރާންސިޝަނެއްގެ މުއްދަތުގައި ދައުލަތުގެ އެސެޓްސް ވިއްކާފައިވާ ނަމަ، އެ ވިއްކަމުން ދަނީ އިޚްލާސްތެރިކަމެއް ނެތި. ދައުލަތުގެ އެސެޓްސް ޓްރާންސިޝަނެއްގެ މުއްދަތުގެ ތެރޭގައި ގަންނަ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ. މިހާރު އެ ހިނގަމުންދާ ކަންކަމަކީ އެއްވެސް ކަހަލަ އިޚްލާސްތެރިކަމެއް ނެތި ހިނގާ ކަންތައްތަކެއް" ޝާހިދު ވިދާޅުވިއެވެ.
ރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ވަރަށް އޮމާންކަމާ އެކު، ކުރިއަށް ދާ ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އިބޫގެ ފަރާތްޕުޅުން މިހާރުގެ ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރާ ޓީމުތަކުން ސިޔާސީ ވާހަކަތަކެއް ނުދައްކާނެ ކަމަށެވެ.
"މިއީކީ، ސިޔާސީ ޑީލްތަކެއް ހަދަން ކުރާ މަސައްކަތެއް ނޫން. މި މަސައްކަތާއި އެ މައުލޫމާތު އަޅުގަނޑުމެން ހާމަކަން ބޮޑު ގޮތެއްގައި މީޑިއާއަށް، އާންމު ރައްޔިތުންނާ ހިއްސާ ކުރަމުން ގެންދާނަން،" ޝާހިދު ވިދާޅުވި އެވެ.