"ކަމަނާ ތިއީ ދެއްވި ނިއުމަތެއް، ޙަމްދު ކުރަން" ‍ރައީސް މައުމޫންގެ ތައުރީފް އަނބިކަނބަލުންނަށް

ކިޔުމަށް ހޭދަވާނީ 1މ 39ސ
"ކަމަނާ ތިއީ ދެއްވި ނިއުމަތެއް، ޙަމްދު ކުރަން" ‍ރައީސް މައުމޫންގެ ތައުރީފް އަނބިކަނބަލުންނަށް
ލޯބީގެ އެތަކެއް ސަނާއާއެކު އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ތައުރީފުގެ ބަސްތަކެއް އަމުނާލައިފިއެވެ.

މެޑަމް ނަސްރީނާއަކީ އެމަނިކުފާނަށް މާތް ﷲ ދެއްވި ނިއުމަތެއް ކަމަށާއި، އެކަމަށްޓަކައި ހަމްދު ކުރައްވާ ކަމަށް ވިދާޅުވަމުން، ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކަމަނާއަކީ އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން އެމަނިކުފާނު އެންމެ ގާތް އެކުވެރިޔާވެސް ކަމުގައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިިދިޔަ މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ޖަލުގައި އެތަކެއް ދުވަހެއް ހޭދަ ކުރުމަށްފަހު ކަފާލާތުގެ ދަށުން ހައިކޯޓުން ރައީސް މައުމޫން މިނިވަން ކުރި ފަހުން، މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މެޑަމް ނަސްރީނާގެ ހިތްވަރުފުޅު ގަދަކާއި ވަފާތެރިކަމަކީ އަދަޔާ ޚިލާފު ކަމެއް ކަމަށެވެ.

"ކަމަނާއަށް ލިބިފައިވަނީ ގަދަފަދަ ބާރެއް، ކަމަނާގެ ހިތްވަރު ގަދަކަން އާދަޔާ ޚިލާފު. ކަމަނާ ހުންނެވީ ބަލި ނުކުރުވޭނެފަދަ ހިތްވަރެއްގައި. ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް. ލޯބީގައި ގައިމު މޮޅު، ރީތި އެތައް ކަމެއް ހިމެނޭ. އަޅުގަނޑުގެ ލޯބިވާ އަނބިކަނބަލުން، އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ. ތިޔަ ލޮބުވެތި ނިއުމަތަށްޓަކައި މާތް ﷲ ޙަޟްރަތަށް އަބަދުމެ ހަމްދު ކުރަން" ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.




ކުރީގެ ރައީސް މައުމޫނާއި މެޑަމް ނަސްރީނާ ބައްދަލުވެ ވަޑައިގެންފައި ވަނީ 1965 ވަނަ އަހަރު މިސްރުންނެވެ. އޭގެ ހަތަރު އަހަރު ފަހުން، އެދެމަފިރިކަނބަލުން ކައިވެނި ބައްލަވައިގެންފައި ވަނީ ވެސް މިސްރުގައެވެ.

މިއަހަރުގެ ޖުލައި މަހުގެ 14 ގައި އެދެމަފިރިކަނބަލުންގެ ކައިވެންޏަށް 49 އަހަރު ފުރިފައިވެއެވެ.


މިއަދު އޮންލައިން