އިންތިޚާބީ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ޒައާމަތުގައި ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ.ޖަމީލް މިހެންވިދާޅުވީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާތާ ތިން އަހަރު ފަހުން މިއަދު ރާއްޖެ ވަޑައިގަތުމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ޑރ.ޖަމީލް ވިދާޅުވީ އިބޫ އާއި ފައިސަލްގެ ޒައާމަތު ދެމެހެއްޓޭނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެ ތަޖުރިބާއާ އެކުގައި ކަމަށެވެ. އަދި ކޯލިޝަނުގެ ވެރިކަން ދެމެހެއްޓުމަށާއި ކުރިއަށް އޮތް އާންމު އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ޑރ.ޖަމީލް ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖޭގައި ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއް ކާމިޔާބުވީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި ގިނަ ބައެއްގެ އެހީތެރިކަން ނުލިބުނު ނަމަ، ރައީސް އަބްދުﷲ ޔާމީނަށް "ޒައާމަތުގެ ވަސް ވެސް" ނުލިބުނީސް ކަމަށް ޖަމީލް ވިދާޅުވި އެވެ.