ތަފާތު މާބޮޑުވީމަ ނަތީޖާ ބަދަލުކުރެވޭނެ އެއްވެސް ގޮތެއް ނެތް - ދެންވެސް ރީތި ވާނީ އަމާނާތްތެރިކަމާއިއެކު ވެރިކަން ހަވާލުކުރެއްވުން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ތަފާތު މާބޮޑުވީމަ ނަތީޖާ ބަދަލުކުރެވޭނެ އެއްވެސް ގޮތެއް ނެތް - ދެންވެސް ރީތި ވާނީ އަމާނާތްތެރިކަމާއިއެކު ވެރިކަން ހަވާލުކުރެއްވުން: ޤާސިމް
ރިޔާސީ އިންތިޚާބުގައި ރައްޔިތުން ލީ ވޯޓުގެ ނަތީޖާގައި ތަފާތު މާބޮޑުކަމުން ނަތީޖާ ދެން ބަދަލުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ދެންވެސް ރީތި ވާނީ އަމާނާތްތެރިކަމާއިއެކު ވެރިކަން ހަވާލުކުރެއްވުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް މިއަދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ދެން ބަދަލު ނުވާނެ ކަމަށާއި އިންތިޚާބުގެ ކަންކަން ކުރިއަށް ދިއައީ ވަރަށް ހާމަކަން ބޮޑު ގޮތަކަށް ކަމަށެވެ. "އެކަމަށް އިންތިޚާބު އޮބްޒަރވްކުރި ބޭރުގެ އޮބަޒަރވަރުން ހެކިވޭ. ދިވަހި ރައްޔިތުން އެކަން ބަލައިގެންފި."

"މީގެ ކުރިން ހުރިހާ ޤައުމަކުންވެސް އަޑު އިވެނީ އިދިކޮޅު ކެނޑިޑޭޓް މައްސަލަ ކޯޓަށް ވައްދާ ވާހަކަ. ވެރިކަމުގަ ހުންނަވާ ބޭފުޅަކު ކޯޓަށް ވަޑައިގަންނަވާ ވާހަކަ އަޑެއް ނީވޭ. މިއީ ވަރަށް ލަދުވެތިކަމެއް. ބަލި ޤަބޫލު ނުކުރައްވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވި ނަމަވެސް ޙަޤީޤަތް ވާނީ ޙަޤީޤަތަށް."

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ޖުމުލަ ވޯޓަށްވުރެ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު 39000 އިތުރުވެފައިވާއިރު ވޯޓު ނުލާ މީހުންގެ އަދަކީ 29000 ކަމަށް ބަލައި އެއަދަދަށް ރައީސް ޔާމީނަށް ވޯޓު އިތުރުކޮށްދިން ނަމަވެސް އިބްރާހީމް މުޙައްމަދު ޞާލިޙަށް 10000 ވޯޓު ގިނަވުމުން ވޯޓުގެ ނަތީޖާ ވަރަށް ސާފު ކަމަށެވެ.

"އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް ދުނިޔޭގެ އިސްވެރިން މަރުޙަބާ ދަންނަވަމުން ގެންދަވާއިރު، ދިވެހި ރައްޔިތުންގެ މިހައި ގިނަ އަދަދެއްގެ ރައްޔިތުން ތާއީދުކޮށްގެން ތިބިއިރު ދެން ކިހިނެއްތޯއޭ ވޯޓުގެ ނަތީޖާ ބަދަލުކުރާނީ. އެހެންވީމާ ދެންވެސް އެންމެ ރީތި ގޮތަކަށް ވާނީ އަމާނާތްތެރިކަމާއެކު ވެރިކަން ހަވާލުކޮށްދެއްވުން. އިތުރަށް ގޮތްތަކެއް ހަދަން ވިސްނިއަސް، ބައަކު އެކަމަށް ނަޞޭޙަތް ދިން ނަމަވެސް އެއީ ދެން ވާނެ ކަމެއް ނޫން. އިތާދަކުރެއްވިއްޔާ ދެން އެކަމެއް ނުވާނެ."

ޤާސިމް އިބްރާހީމް މިއަދުވެސް ވަނީ ރައްޔިތުން ހަމަޖެހިގެން ތިބުމަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. "މިކަންކަން މިކުރުވަނީ އިދިކޮޅުގަ ތިބި މީހުން ހާސްކުރުވައި ހަމަނުޖެހުން އުފައްދުވަން. އަޅުގަނޑު ރައްޔިތުންނަސް ދަންންވާނީ ޖެހިލުންވެވަޑައި ނުގަންނަވާށޭ. އެއްގޮތަކަށްވެސް އެބާވަތުގެ އެއްވެސް ކަމެއް ހިނގައެއް ނުދާނޭ. ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވާފައިވާ ފަދައިން ވެރިކަން ދެއްވަވަން ވީމާ ދެއްވަވާނެ. ނިކަމެތި ކުރައްވަވަން ވީމާ ނިކަމެތި ކުރައްވަވާނެ. އެކަމަށް ގަދަކަން ދައްކަން އުޅުނު ނަމަވެސް ކާމިޔާބެއް ނުލިބޭނެ."

ޤާސިމް އިބްރާހީމް ވިދާޅުވީ ވޯޓުގެ ނަތީޖާއަށް ބަދަލުގެންނަން ކުރާ އެއްވެސް މަސައްކަތެއް ދުނިޔޭގެ އެއްވެސް ޤައުމަކުން ބަލައި ނުގަންނާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހީވެސް ނުކުރެވޭ ވަރުގެ ބޮޑެތި ކަންތައްތަކެއް ރާއްޖެއަށް ކުރިމަތިވާނެ ކަމަށާއި ހުރިހާ ނިކަމެތިކަމެއް ލިބިގެންދާނީ ރައްޔިތުންނަށް ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެ އާއިމެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން މަގު ފަހިކުރަން ދިވެހި ސިފައިން ވެސް ފުލުހުންވެސް އަދި ޖޫޑިޝަރީން ވެސް ބޭނުން ނުވާނެ ކަމަށެވެ. "ކާކުތޯ އެހިސާބަށް ދާން ރާއްޖޭގެ ރައްޔިތުން ދޫކޮށްލަނީ؟ ނުކުރާނެ ދުލެއް! އެކަން އަޅުގަނޑަށް ކަށަވަރު. ޔަޤީން ކުރައްވާ!"

ގުޅިފައިވާ ކޯލިޝަނުގެ ކަންކަން އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަންވެސް ޤާސިމް އިބްރާހީމް ވަނީ ދެއްވައިފައެވެ.

"ކޯލިޝަން ބިޔަކަމާ ވަރުގަދަކަމާ ހަރުދަނާ ކަމާ އެކީގަ ދެމިގެންދާނެ. ރައީސް ޔާމީން ވިދާޅުވި ކޯލިޝނަކީ ކޮކްޓޭލެކޭ. ބައްލަވާ ވަރަށް ބައިވަރު ވަރަށް ރަނގަޅު ކޮކްޓޭލްވެސް އެބަހުއްޓޭ އިނގޭތޯ!" ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.


މިއަދު އޮންލައިން