ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ މަރަދޫގައި ހިންގި މަރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ދެ ގްރޫޕެއް ދެމެދު ރޭ ހިންގި މާރާމާރީގައި ދެ މީހަކަށް ހަމަލާދީފައިވާއިރު، ހާލު ސީރިއަސް ވެފައިވަނީ އުމުރުން 22 އަހަރުގެ މުޙައްމަދު އީވާން ނަމަކަށް ކިޔާ ޒުވާނެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މިވަގުތު އޭނާ އޮތީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ.
އެހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރ މުޙައްމަދު ނަޖީބު ވިދާޅުވީ އީވާންގެ ބުރަކައްޓަށާއި، ކަރަށް އަދި ބޮލަށް ވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އޭނާގެ ފުއްޕާމެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ. އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރެއްގެ އެހީގައި" ހެލްތު އޮފިސަރ ވިދާޅުވެފައިވެއެވެ.
އީވާން އަށް އިތުރު ފަރުވާ ދިނުމަށް މިއަދު މެންދުރުފަހު މާލެ ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނަޖީބު ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މަރަދޫގައި ރެ ހިންގި މިމާރާމާރީއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި ނަަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.