ސުވަރުގެ އެދޭމީހާ މީހާ ގަދައަޅައި 5 ކަމެއް ކުރަން ޖެހޭ: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ސުވަރުގެ އެދޭމީހާ މީހާ ގަދައަޅައި 5 ކަމެއް ކުރަން ޖެހޭ: ބިލާލް އައްސަދު
ސުވަރުގެ އެދޭމީހާ މީހާ ގަދައަޅައި 5 ކަމެއް ކުރަން ޖެހެއެވެ. އެއީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވުމާއި ވީހައި ގިނައިން އަޅުކަން ކުރުމާއި އެހެން މީހުންނަށް މާފުކުރާ މީހަކަށްވުމާއި ރުޅި ކޮންޓްރޯލުކުރާ މީހަކަށްވުމާއި ޙަރާމް ކުރެއްވެވި އެންމެހައި ކަންތައްތަކާއި ދުރުހެލިވާން ގަދައަޅައި އެމީހަކަށް ކުރެވެން އޮތް އެންމެ މަތީ މިންވަރަކަށް މަސައްކަތް ކުރުމެވެ.

އިންސާނުން ކަމުގައިވީތީ ކުށެއް ކުރެވިދާނެއެވެ. ނަމަވެސް ގަދައަޅައި މަސައްކަތް ކުރަންވާނީ ކުށެއް ނުކުރުމަށެވެ. ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއް ނުކުރަން ނިޔަތްގަނެ އެކަމަށް މަސައްކަތް ކުރާމީހާއަށް ﷲ ތަޢާލާ އެކަމަށް މަގު ދައްކަވާނެއެވެ.

ނިކަން ވިސަނައިލަބަލާށެވެ. ދޮގު ބުނުމަކީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމަކަށްވާތީ ދޮގެއް ބުނެވިދާނެ ކަމުގެ ބިރަށް ޞަހާބީން އެބޭކަލުންނަށް ޔަޤީންވެވަޑައި ނުގަންނަވާ ކަންކަމުގައި ވާހަކަފުޅު ނުދައްކަވައި ތިއްބެވިއެވެ. ކުރެވޭ ސުވާލުތަކަށް ޖަވާބު ނުދެއްވަވައި ތިއްބެވިއެވެ.

ނަމަވެސް މިއަދު އަހަރެމެން ގިނައިން ވާހަކަ ދައްކައި މިއުޅެނީ ތިމާއަށް އެއްވެސް ވަރަކަށް ނުވެސް އެނގޭ ކަންކަމުގައެވެ. މީހަކު ސުވާލެއް ކޮށްފިނަމަ އެއްވެސް ވަރަކަށް މައުލޫމާތު ނެތް ކަންކަމުގައިވެސް ވާހަކަ އެބަ ދައްކަމުގައެވެ. ތިމާއަށް ދެއްކޭ ވާހަކައަކީ ދޮގަކަށް ވެދާނެ ކަމާއިމެދު އެއްވެސް ވަރަކަށް ބިރުގަތުމެއް ނެތިއެވެ.

ސުވަރުގެއަށް ކުރާ ދަތުރު ފަށައިގަނެވެނީ ކުރިން ބަޔާންކުރި 5 ކަންތައް ފުރިހަމަވުމުންނެވެ. އެކަންތައްތަކާއިއެކުގައެވެ. އެހެންކަމަށްވާއިރު މިވެނި ކަމަކީ ކުޑަ ކަމެއް ކަމަށް ބަލައި ދޫކޮށްލުމެއް ނެތެވެ. ދޫކޮށްލައިގެން ދަތުރު ކާމިޔާބެއް ނުކުރެވޭނެއެވެ.

ރުޅި ކޮންޓްރޯލް ކުރުމާއި މާފުކުރުމަކީ ޠަބީޢީ ނުވަތަ އިޚްތިޔާރީ ކަންކަން ކަމަށް މީހަކު ބުނެފާނެއެވެ. އެއީ އެންމެ ރަނގަޅު ވާހަކައެއް ނޫނެވެ. ސުވަރުގެ އެދޭ މީހާއަކީ ރިވެތި އަޚްލާޤްގެ ވެރިއަކަށްވާން ޖެހޭނެއެވެ. ރިވެތި އަޚްލާޤީ ސިފަތައް އެމީހެއްގެ ކިބައިގައި ނެތި އެމީހާއަކީ ފުރިހަމަ މުސްލިމަކަށް ނުވެވޭނެއެވެ.

އަދިވެސް ބުނަންހެއްޔެވެ؟ ރުޅި ކޮންޓްރޯލް ކުރާ މީހާ އާއި މާފުކުރާ މީހާގެ ޤަދަރު މީސްތަކުންގެ ކުރިމަތީގައި މިދުނިޔޭގައިވެސް ދާނީ އުފުލެމުންނެވެ. މީސްތަކުންގެ ހިތްތަކުގައި އެމީހަކަށް ލޯބި އިތުރުވެގެންދާނެއެވެ. އެމީހާގެ ކިބައިގައި ހުންނަ ރިވެތި ސިފަތަކުގެ ސަބަބުން މީސްތަކުންގެ ހިތްތަކުގައި މީހަކަށް ލޯބި އިތުރުވާނަމަ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަތުންވެސް ދާނީ އިތުރުވަމުންނެވެ. މިއަށްވުރެ ވަކިން ބޮޑު ނިޢުމަތެއް ލިބޭނެ ހެއްޔެވެ؟

ދަންނާށެވެ. މިދުނިޔެއަކީ މުބާރާތެކެވެ. އެ މުބާރާތުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ދުނިޔޭގެ ޒީނަތްތެރިކަމާއި ތިމާގެ މޮޅުކަމާއިމެދު ސަޅިބައިސާކެނޑުން ހިމެނެއެވެ. ހޯދުނުހައި ގޮތަކަށް ތަނަވަސްކަން ހޯދުން ވެސް ހިމެނެއެވެ.

ނަމަވެސް މިކަންކަން ހަޤީޤަތުގައި ވެގެންދަނީ ވަރަށް ބޮޑަށް ވަގުތީ ކަންކަމަށެވެ. އެކަންކަމުގެ ސަބަބުން ދުނިޔޭގައި ވަގުތީ އުފާވެރިކަމެއް ލިބިދާނެއެވެ. އަދި އެކަންކަން ތިބާ އާއިއެކު އުމުރަށް ދެމިހުރި ނަމަވެސް އެކަންވެސް ވާނީ ހަމަ ވަގުތީ ކަމަކަށެވެ. ސަބަބަކީ ތިމާ މަރުވުމާއި ހަމައިން އެހުރިހާ ކަމެއް ތިބާއަށް ގެއްލިގެންދާނެތީއެވެ.

ތިބާ އާއިއެކު ދެމި ހުންނާނީ ތިބާ ދުނިޔޭގައި ހުރި ހެޔޮ އަމަލުތަކެވެ. ތިބާ ސުވަރުގެ ވަންނަން އެދޭނަމަ ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އެކަމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ހިތުހުރިހައި ގޮތަކަށް އުޅެމުން ތިމާއަކީ ސުވަރުގެ އެދިގެން އުޅޭ މީހެއް ކަމަށް ބުނުމަކުން އަދި ނުފުދޭނެއެވެ. ނުވެސް ފުދޭނެއެވެ.

- ބިލާލު އައްސަދުގެ ދަރުސަކުން
މިއަދު އޮންލައިން