އެސްފިންނާގެ އަސްލަކީ މީހަކު އެހެން މީހެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން ފެނި އެކަމަށް މާބޮޑަށް ހަސަދަވެރިވެ، އޭނާގެ ނުބައި ހިތް އެކަމެއްގެ މައްޗަށް ފޯރުވުމެވެ، ނުވަތަ ފޯރުމެވެ. ހަސަދަވެރިންގެ ކިބައިން ސަލާމަތްކޮށް ދެއްވެވުން އެދި ދެންނެވުމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.
(وَمِن شَرِّ حَاسِدٍ إِذَا حَسَدَ) މާނައީ "އަދި ހަސަދަ ވެރިއަކު ހަސަދަވެރިވެއްޖެ ހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ."
ކޮންމެ އެސްފިންނާ ޖައްސާ މީހަކީ ހަސަދަވެރިއެކެވެ. ނަމަވެސް ކޮންމެ ހަސަދަވެރިއަކީ އެސްފިންނާ ޖައްސާ މީހެއް ނޫނެވެ. ހަސަދަވެރިޔާއަކީ އެސްފިންނާ ޖައްސާ މީހާއަށްވުރެ ޢާންމު މޫހަކަށް ވާތީވެ ހަސަދަވެރިޔާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް އެދުމުން އެސްފިންނާވެރިޔާ ވެސް އެއިގެތެރޭގައި ހިމެނިގެންދާނެއެވެ.
އެސްފިންނާއަކީ ޖެހޭ އެއްޗެއްކަން ސާބިތުވާ އެތައް ޙަދީޘްތަކެއްވެއެވެ. އެއިގެތެރޭގައި ބުޚާރީ އާއި މުސްލިމް ޢައިޝާ (ރޢ)ގެ ކިބައިން ރިވާކުރެއްވި ޙަދީޘް ހިމެނެއެވެ.
(كان رسول الله صلى الله عليه وسلم يأمرني أن أسترقي من العين) މާނައީ "އެސްފިންނާއިން ސަލާމަތްވުމަށް ރުޤްޔާ ހެދުމަށް ކީރިތި ރަސޫލާ (ޞޢވ) ތިމަން ކަމަނާއަށް އަމުރުފުޅު ކުރެއްވެވިއެވެ.
އަދިވެސް ޙަދީޘް ކުރެއްވެވިއެވެ. (العين حق ولو كان شيء سابق القدر لسبقته العين) މާނައީ "އެސްފިންނާއަކީ ޙަޤީޤަތެކެވެ. ޤަދަރަށްވުރެ ކުރިއަށް އެއްވެސް އެއްޗަކަށް އެރޭނެ ނަމަ އެސްފިންނާ ކުރިއަށް އެރީހެވެ.
(عن عائشة رضي الله عنها قالت : كان يؤمر العائن فيتوضأ ثم يغسل منه المعين) މާތްﷲ ރުއްސުންލެއްވެވި އުއްމުލްމުއުމިނީނާ ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. އެސްފިންނާ ޖައްސާ މީހުން ވުޟޫކޮށްފައި އެފެނުން އެސްފިންނާ ޖެހުނު މީހާ ފެންވެރުވުމަށް ކީރިތި ރަސޫލާ (ޞޢވ) އަމުރުފުޅު ކުރެއްވެވިއެވެ.
އެސްފިންނާއިން ސަލާމަތްވުމަށް ކުރަންވީ ކަންތައްތައް- ސޫރަތުލްފާތިޙާ، އިޚްލާޞް، ފަލަޤި، ނާސި އާޔަތުލްކުރުސި ކިޔެވުން. އެސްފިންނާއިން ސަލާމަތްވުމަށްޓަކައި ކިޔެވުމަށް ސުންނަތުގައި ވާރިދުވެގެންވާ ވިރުދުތައް ކިޔުން. އެއިގެ ތެރޭގައި:
(أَعُوْذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ), (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ), (بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيك)
ހެނދުނާއި ހަވީރުގެ ދުޢާތައް، ނިދަން އޮށޯންނަމުން ކިޔަން ވާރިދުވަފައިވާ ދުޢާތައް، ނިދިން ތެދުވެފައި ކިޔަން ވާރިދުވަފައިވާ ދުޢާތައް ކިޔައި ސަލާމަތްކަން ލިބިގަތުން ހިމެނިގެންވެއެވެ.
ރާޤީއެއްގެ އެހީތެރިކަން ހޯދިނަމަވެސް ﷲ ތަޢާލާގެ ވާގިފުޅާއިއެކު މެނުވީ އެއްވެސް މީހަކަށް އެއްވެސް ކަމެއްކޮށް ނުދެވޭނެއެވެ. ވީމާ ފަރުވާ ކުރުމަށް ސަބަބުތަކުގައި ހިފުމާއިއެކު ދުޢާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް