މީސްމީހުންގެ ލޯބި ހޯދުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. އިންސާނެއްގެ ލޯބި ހޯދަން ބޭނުންވެގެން ކިތަންމެ ބޮޑު ޤްރްބާނީއެއްވީނަމަވެސް މަދުފަހަރަކު ނޫނީ އެ ލޯބި ލިބޭކަމަކަށް ނުވެއެވެ. އަދި އެ ލޯބި ލިބުނު ނަމަވެސް ގެއްލިގެންދާނީ ކޮން ވަގުތަކުކަން އެއީ އެނގޭ ކަމެއް ނޫނެވެ. މާނައަކީ އިންސާނެއްގެ ލޯބި ހޯދަން ކިތަންމެ ބޮޑު ޤްރްބާނީއެއްވެގެން ލޯބި ހޯދި ނަމަވެސް އެއީ އެއްވެސް ޤަރަންޓީއެއް ނުވަތަ ޔަޤީންކަމެއް އޮތް ކަމެއް ނޫނެވެ.
އަމިއްލަ ދިރިއުޅުމުން މިކަންކަން ނުފެންނަނީހެއްޔެވެ؟ އަމިއްލަ ޢާއިލާ ތެރެއިން މިކަންކަން ނުފެނަނީ ހެއްޔެވެ؟
ނިކަން ވިސްނައިބަލާށެވެ! ލޯބިވެރިޔާއަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރާ ފަހުން ލޯބިވެރިޔާ ނުގެއްލޭ ހެއްޔެވެ؟ ލޯބިވެގެން އެތައް އަހަރަކު އުޅޭފަހުން ލޯބިވެރިޔާ ނުގެއްލޭ ހެއްޔެވެ؟ ލޯބީގެ ނަމުގައި ތިމާގެ ހަށިގަނޑު ފާފައިގެ ކަނޑަކަށް ވައްޓާލައިގެން އުޅޭތާ އެތައް އަހަރެއް ފަހުން ލޯބިވެރިޔާ ނުގެއްލޭ ހެއްޔެވެ؟
ކައިވެނީގެ ޙަޔާތަށް ބަލާށެވެ! އަނބިން ފިރިންނަށްޓަކައި ނުވަނީ ކޮން ޤްރްބާނީއެއްހެއްޔެވެ؟ ފިރިން އަނބިންނަށްޓަކައި ނުވަނީ ކޮން ޤްރްބާނީއެއް ހެއްޔެވެ؟ އެގޮތުގައި އެތައް އަހަރެއް ހޭދަކުރާފަހުން ހުރިހާ ޤްރްބާނީތަކަކީ ބިލާހަކަށް ނުވޭ ހެއްޔެވެ؟ ހުރިހާ ލޯތްބެއް ގެއްލި ދެމަފިރިން ވަކިނުވޭ ހެއްޔެވެ؟
ދަރިންނަށްޓަކައި މައިންބަފައިން އުފުލަނީ ކިހައި ބޮޑު ބުރައެއް ހެއްޔެވެ؟ ނުއުފުލަނީ ކޮން ބުރައެއް ހެއްޔެވެ؟ ކުރެވޭ ހޭދައިގެ އަދަދު ހިސާބުކުރެވިދާނެ ހެއްޔެވެ؟ ނަމަވެސް ދަރިންގެ ކިބައިން ލިބެންޖެހޭ ލޯބި ލިބެނީ ކިތައް މައިން ބަފައިންނަށް ހެއްޔެވެ؟
މީސްތަކުންގެ ލޯބި ހޯދުމަށްޓަކައި އަތްމަތި ހުސްކޮށްލީ ކިތައް މަހުޖަނުން ހެއްޔެވެ؟ މީސްތަކުންގެ ލޯބި ލިބޭ ހެއްޔެވެ؟
މިހުރިހައި ކަމަކުން ވެސް އެނގިގެންދަނީ ހަމަ އެންމެ ކަމެކެވެ. އެއީ އިންސާނުންގެ ނުވަތަ މީސްތަކުންގެ ލޯބި ހޯދުމަކީ ހަމަ ވަރަށް ދަތި އުނދަގޫ ކަމެއް ކަމެވެ. ނުލިބޭނެ އެއްޗެއް ކަމަކަށް ނުބުނަމެވެ. ނަމަވެސް އެއީ ވަރަށް މަދު މީހަކަށް ނޫނީ ނުލިބޭ އެއްޗެއްކަމަށް ބުނެވިދާނެއެވެ.
ނަމަވެސް ﷲ ތަޢާލާގެ ލޯބި ހޯދުމަކީ ހަމަ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ކުރަން އޮތް ހަމައެކަނި ކަމަކީ ﷲ ތަޢާލާ އެންގެވި ގޮތުގައި ސާބިތުވެ ހުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުން މަތީގައި ދެމިހުރުމެވެ. ނުކުރަން އަންގަވާފައިވާ ކަންކަން ނުކޮށް ދުރުހެލިވެގެން ހުރުމެވެ.
ތިބާއަކީ ފާފަތައް ކުރެވި ފާފަތަކުން ފޯވެގެން ހުރި މީހެއް ކަމުގައިވީނަމަވެސް މާޔޫސްވުމެއް ނެތެވެ. ފުރިހަމަ ތައުބާއަކުން އަވަހަށް ތައުބާވާށެވެ. ﷲ ތަޢާލާ އަންގަވާފައިވާ މަގަށް އަވަހަށް އެނބުރި ރުޖޫޢަވާށެވެ! ފުރިހަމަ ތައުބާއަކުން ތައުބާވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިކުރައްވަވާ އަމަލެވެ. ފުރިހަމަ ތައުބާއަކުން ތއުބާވެ އެގޮތުގައި ދެމިހުރުމުން ﷲ ތަޢާލާ އިރާދަ ކުރައްވަވާ އަޅަކަށް ކުރެވިފައިވާ ފާފަތައް ކިތަންމެ ގިނަ ނަމަވެސް އެހުރިހާ ފާފަތަކަކީ އެމީހަކު ކޮށްފައިވާ ހެޔޮ އަމަލުތަކަށް ބަދަލު ކޮށްދެއްވަވަނީ ތައުބާވުމަށް ކިހައި ބޮޑަށް ލޯބިކުރައްވަވާތީ ހެއްޔެވެ؟
އެންމެހައި އަޚުންނާއި އުޚުތުންނޭވެ! މަސައްކަތް ކުރަންވީ މީސްތަކުންގެ ލޯބި ހޯދުމަކަށް ނޫނެވެ. އެއްވެސް މީހެއްގެ ލޯބި ހޯދުމަކަށް ނޫނެވެ! ގަދައަޅައި މަސައްކަތް ކުރަންވީ ﷲ ތަޢާލާގެ ލޯބި ހޯދުމަށެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖަނަމަ އެ މަތިވެރި ނިޢުމަތަކީ އެއްވެސް މީހަކަށް ދުވަހަކުވެސް ގެއްލިގެންދާނެ ނިޢުމަތެއް ނޫނެވެ! އިތުރު ކުރަން މަސައްކަތް ކުރި ވަރަކަށް ދާނީވެސް އިތުރުވަމުންނެވެ!
އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ ތިބާއަށް ކައްވަޅުގެ އަޒާބުންނާއި ނަރަކައިގެ ގަދަފަދަ އަޒާބުން ސަލާމަތްވެވުން އޮތީ ﷲ ތަޢާލާގެ ލޯބިވެވޮޑިގޮތުން ތިބާއަށް ލިބުނު މިންވަރަކުން ކަމާއިމެދުގައެވެ! ވީއިރު އެހެން ހުރިހާ ލޯތްބެއް ހޯދަން މަސައްކަތް ކުރުން އޮތީ ﷲ ތަޢާލާގެ ލޯބި ހޯދަން މަސައްކަތް ކުރުމުގެ ފަހަތުގައި ނޫންހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން