އިންސާނުންނަކީ ހިތް ފުރޭނެ ބައެއް ނޫނެވެ. ރަނުގެ ވާދީއެއް ލިބިއްޖެނަމަ ދެވަނަ ވާދީއަކަށް އެދޭނެއެވެ. ދެވަނަ ވާދީއެއް ލިބޭ އިރަށް 3 ވަނަ ވާދީއަކަށް އެދޭނެއެވެ. ހަމަހިލާ ހިތެއް ނުފުރޭނެއެވެ. މިއީ އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.
ޙަޤީޤަތަކީ މިފަދަ މީހުންގެ ބަނޑުތައް ފުރެމުންދާނީ އަލިފާނުން ކަމެވެ. އެހެނީ ދުނިޔެޢައިގެން އެހައި ބޮޑަށް ތެޅިފޮޅޭ މީހުންނަކީ ވަރަށް ދަހިވެތިކަން ބޮޑު ބައެކެވެ. ދަހިވެތިކަން އެހިސާބަށް ދިއުމުން އޮންނާނީ ޙަރާމް ޙަލާލުވެސް ނުބެލިފައެވެ. އަތުޖެހުނު ކޮން އެއްޗެއް ތިޖޫރީއަށްލައި ތީޖޫރީތައް ދާނީ ފުރަމުންނެވެ. ލިބުނީ ކޮން ގޮތަކުން ކަމެއް ނުބަލާނެއެވެ. އެނގުނު ނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއްވެސް ނުދޭނެއެވެ.
މިފަދަ މީހުންނަށް ނުވިސްނެނީ ހަމަ އެންމެ ކަމެކެވެ. އެއީ ޤާރޫނާއި ފިރުއައުނު ދުނިޔޭގައި ނެތް ކަމެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭ ބިލިއަނަރުންތައްވެސް މަރުވަމުންދާކަމެވެ. ކިތަންމެ ބޮޑު ބިލިއަނަރެއް ނަމަވެސް ނޭވާގެ އަދަދު ހަމަވުމުން ދުނިޔެދޫކޮށް ދާންޖެހެނީ ހަމަ ހުސްއަތާ ކަމެވެ.
ހަމަ މަރުވުމާއިއެކު ސުވާލުތަކާއި ކުރިމަތިލާންޖެހޭ ކަމެވެ. ބޭންކުގައި އޮންނަ އެކައުންޓަކުން ފައިސާ މަދުވީމާ އެހެން އެކައުންޓަކުން ޖަމާކޮށް އަދަދު ހަމަކުރާ ފަދައިން ނުވަތަ ނަގުދު ފައިސާ ގެންގޮސްގެން ޖަމާކުރާ ފަދައިން ތިމާގެ އަތުގައި ކިތަންމެ ބައިވަރު ފައިސާއެއް މަރުވި އިރު ތިޖޫރީ ތަކާއި ބޭންކް އެކައުންޓްތަކުގައި ނުވަތަ މުދަލުގެ ގޮތުގައި ހުރި ނަމަވެސް މަރުވުމުން އަމިއްލަ އެކައުންޓްތައް ހަމަ އެންމެ ސެންޓެއްވެސް ޖަމާ ނުކުރެވޭނެ ކަމެވެ. އެކައުންޓުގައި ހުރި އެއްޗަކާއިއެކު އެކައުންޓްތައް ފްރީޒްވެގެންދާ ކަމެވެ.
މިކަންކަން އެންމެންނަށްވެސް އެނގެއެވެ. ހިތާމައަކީ މިކަންކަމަށް ވިސްނައި ފިކުރުކުރާ މީހުން މަދުކަމެވެ. ރަނގަޅަށް ބަލައިފިނަމަ 0.1% މީހުންވެސް ނުވިސްނާކަން އެގިގެނަދާނެއެވެ. މިއީ ހިތާމަހުރި ކަމެކެވެ. ވަގުތު އޮއްވައި އަވަހަށް ކަންކަން އިޞްލާޙްކުރަން މަސައްކަތް ކުރާށެވެ! ހަޤީޤީ މުއްސަނދިންނަކީ ދުނިޔެއަށް އެންމެ ގިނަ ފައިސާ އާއި މުއްސަނދިކަން ދޫކޮށްފައިދާ މީހުންނެއް ނޫނެވެ. ހަޤީޤީ މުއްސަދިންނަކީ މަރު އައިސް ކުރިމަތިލުމުގެ ކުރިން އާޚިރަތް ދުވަހަށްޓަކައި ތިމާގެ އެކައުންޓަށް އެންމެ ބޮޑު މުއްސަނދި ކަމެއް ޖަމާކުރެވުނު މީހާއެވެ. މާނައަކީ ތިމާގެ ފަތުގައި ވީހައި ގިނަ ހެޔޮ އަމަލުތަކެއް ލިޔެވިފައިވީ މީހާއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން